18 ޖަނަވަރީ 2025

ޅޮހީގައި ހިނަވާގެއެއް އަޅައިދޭން އައްބާސް ނިންމަވައިފި

ނ. ޅޮހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެދިލެއްވި ގޮތައް ޅޮހީގެ ރައްުޔިތުންނަށް ހިނަވާގެއެއް އެޅުމަށް، އަންނަ މާރިޗު މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީއޭއިން ވެލިދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް، އެމްޑީއޭގެ ޤައުމީ ކައުންސިލް މެންބަރު މުޙައްމަދު އައްބާސް ނިންމަވައިފިއެވެ.

އައްބަސް ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ޅޮއްސަށް ވަޑައިގެން އެ ރަށަށް ބޭނުންވާ މުހިއްމު ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީން ކަން ދެއްވައިފިއެވެ.

ވެލިދޫ ދާއިރާގައި ހިމެނޭ ނ. ޅޮއްސަށް އައްބާސް ވަޑައިގެންނެވުމަށްފަހު ވަނީ، އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންްފިލުވާފައެވެ.

އެގޮތުން ޅޮހީ ސްކޫލާއި، ޅޮހީ ޞިއްޙީ މަރުކަޒާއި އަދި ޅޮހީ ކައުންސިލް އިދާރާއަށް ވަޑައިގެންނެވުމުން، އެ މުއައްސަސާތަކަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި، ކުރިއަށް އޮތްތަނުގައި ކުރަން ހުރި މުހިއްމު ކަންކަމުގެ މަޢުލޫމާތު ވަނީ، އެ ތަންތަނުގެ ވެރިންނާއި މުވައްޒަފުން އައްބާސްއާ ހިއްސާކުރައްވާފައެވެ.

ކުރީ ސަރުކާރުން ޅޮހީ ބަނދަރު ބޮޑުކޮށް މަރާމާތު މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމެވި ނަމަވެސް އެ މަސައްކަތް ފެށިފައި ނުވާތީ، އެ މަސައްކަތް ފެށުމަށް ސަރުކާރަށް ދަންނަވައި ބާރު އެޅުއްވުމާއި، ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ސަރުކާރުގެ ތެރެއިން ކުރަން ހުރި މަސައްކަތްތައް ކުރެއްވުމަށް ބާރު އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، ޅޮހީގައި ހިނަވާގެއެއް ހެދުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ، ޅޮހީ ކައުންސިލުން އެދިލެއްވި ގޮތަށް ޅޮހީ ފުޓްބޯޅަ ޓީމަށް ސްޕޮންސަރއެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. މިނޫނަސް ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން، ޅޮހީ ސްކޫލާއި ޞިއްޙީ މަރުކަޒަށް މިވަގުތަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގައި އައްބާސްގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަން ފާހަގަކުރައްވާފައިވާއިރު، ސަރުކާރުގެ ތެރެއިން ކުރަންހުރި މަސައްކަތްތައް ފުރިހަމަ ކުރުމަށް ބާރު އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އައްބާސް ދެއްވިއެވެ.

ހަމައެހެންމެ، ޅޮހީ ސްކޫލުގެ ޕީޓީއޭ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އެދިލެއްވި ކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.

އައްބާސް މިހާރު ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، މިއަދު ޅޮއްސަށް ވަޑައިގެންފައިވާއިރު، ވެލިދޫއާއި ފޮއްދޫއަށް ދަތުރުކުރައްވައި އެ ދެރަށުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު