އިމާމުކަމުގެ ދާއިރާއިން ޒުވާން ޖީލެއް ބިނާ ކުރުމަކީ އަމާޒުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒުވާން ޚަތީބުންގެ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ވަރަށް މާތް މަގުސަދެއްގައި ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަމަށެވެ.
ރަށް ރަށަށް ކުރެވިގެން ދިޔަ ދަތުރުތަކުން އެނގިގެން ދިޔައީ ޒުވާން ހަތީބުން ނެތްކަން ކަމަށާއި، މިނިސްޓްރީއާއި ބައްދަލުކޮށް ޚަތީބުންގެ މަދުކަން ކައުންސިލްތަކުންވެސް ފާހަގަކުރާކަމަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މި ދާއިރާގައި ޒުވާނުން ކުރި އަރުވަން ޖެހޭކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ގްރޭޑް 8،9،10 އަދި މަތީ ސާނަވީގައި އިސްލާމީ މުޤައްރަރު ވަރަށް ރަނގަޅުކަމަށެވެ. އެހެންކަމުން ޒުވާން ކުދިން ސްކޫލު ނިމޭއިރު އެމީހުންނަކީ އިމާމުކަން ކުރުމަށް ތައްޔާރަށް ތިބި ބައެއްކަމަށާއި، ތަމްރީނާއިއެކު އެކަން ކުރެވޭނެކަމަށް ވިދާޅުވިއެވެ.
މާލެ އަދި އަތޮޅު ތެރެއަށްވެސް ހާއްސަކޮށް ފަށާފައިވާ މި ޕްރޮގްރާމްގައި މޮސްކް މެނޭޖްމަންޓް، ހުތުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަހުލާގު، މިސްކިތުގެ ދައުރު، ނަމާދު ފިގުހުގެ ދާއިރާއިން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް އިމްތިހާނެއް ނޯންނައިރު، ގްރޭޑް 10، 11، 12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް، ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އެއީވެސް ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.