މަންޑޭ ދިރިއުޅޭ ގެއިން ފެނުނު އަގުބޮޑެތި މުދާތައް ހިފެހެއްޓުމަށް އަމުރު ނެރުނީ ރަނގަޅަށް: ހައި ކޯޓް

އޮޅުވާލައި، މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓުތައް ވިއްކައިގެން ފައިސާ ހޯދި ކޭ ޕާކް ރެސިޑެންސްގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ ގެއިން ފެނުނު އަގުބޮޑެތި މުދާތައް އަހަރު ދުވަހަށް ހިފެހެއްޓުމަށް އަމުރު ނެރުނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައި ކޯޓުން އެ އަމުރު ދަމަހައްޓައިފިއެވެ.

އެ ފެލެޓުތައް އެކި މީހުންނަށް އަގުބޮޑުކޮށް ވިއްކި މައްސަލަ ފަޅާއަރާފައިވަނިކޮށް، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ އެޕާޓްމަންޓު ބަލައި ފާސްކޮށް އެތާ ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި، ހުޅުމާލޭގައި ހުރި އެ އެޕާޓްމަންޓު ބަލައި ފާސް ކުރުމުގެ އަމުރެއް ނެރުނީ ހުޅުމާލެ ކޯޓުންނެވެ. އެ އަމުރު ނެރެފައި ވަނީ މަންޑޭއާއި އޭނާގެ އަނބިމީހާގެ މައްޗަށެވެ. އަމުރުގައި ވަނީ ތަހުގީގު ނިމެންދެން ހިފަހައްޓާފައިވާ މުދާތަކަކީ، ފޭކު ޑޮކިއުމަންޓުތައް ހަދައި އެ ބޭންކަށް ހުށަހަޅައިގެން ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން ގަނެފައިވާ މުއްދާކަމަށެވެ.

އޭނާގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއިރު، ހައި ކޯޓުން އިއްޔަ ކުރި ހުކުމުގައި ވަނީ، މުދަލެއް އެހެން ތަނަކަށް ބަދަލުކުރުމާއި، އަދި ވިއްކުމަކާއި، އެ މުދަލާއި ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގޭ ގޮތަށް ވަގުތީ ގޮތުން އެކަންކަން ހުއްޓުވުމުގެ އަމުރަކީ، މަނީ ލޯންޑަރިންގެ ގާނޫނުގައި އޮންނަ އުސޫލެއްކަމަށެވެ.

މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން މަޒީދެވެ. ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހިފަހައްޓާފައިވާ މުދަލަކީ އެފްޑަބްލިއު ރެސިޑެންސްއިން މަންޑޭ ގެނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި އަގުބޮޑެތި ގަހަނާއި އެކި ބްރޭންޑުތަކުގެ އަތް ދަބަހާއި، އަންނަނު އަދި ފައިވާނާއި ބޫޓު އަދި ސެންޓު ފަދަ ތަކެއްޗެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ އެ ގެއިން ފެނުނު ތަކެތީގެ ޖުމްލަ އަގުތައް ހުރީ މިލިއަނުން ކަމަށެވެ. އެގޮތުން ލަގްޒަރީ ބްރޭންޑެޑް އަތްދަބަސްތަކުގެ އަދަދު 90،000 ޑޮލަރަށް އަރާއިރު، 10،000 އާއި 15،000 ރުފިޔާއަށް ގަނެފައިވާ ގަހަނާތައް ހުއްޓެވެ، އަދި އަތުގައި އަޅާ ބައެއް ފިރިހެން ބްރޭސްލެޓްތައް 28،000 ޑޮލަަރަށް ގެނެފައިވެއެވެ. އަދި 200 އަށް ވުރެ ގިނަ ބްރޭންޑެޑް ސެންޓުފުޅި ވަނީ ފެނިފައެވެ.

ޕެންޓް ހައުސްގެ އަގާއި، އެކު މިހާތަނަށް އެއް ކުރެވިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އޭގެތެރެއިން ހިފެހެއްޓި ތަކެތީގެ ޖުމްލަ އަގު 14 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

ޝަމީމް ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި މަންޑޭގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ ކުރެވޭނެ ކަމަށެވެ. މަންޑޭއާއި އެކު މި މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން ދެ މީހަކު ވެސް އެބަތިއްބެވެ. ފުލުހުން އެ މީހުންގެ މައްޗަށް ކުރަނީ ސައްހަ ނޫން ލިޔެކިއުންންތައް އުފެއްދުމުގެ ތުހުމަތާއި، މަނީލޯންޑްރިންގެ ތުހުމަތެވެ. އެކަން ފާހަގަކޮށް ޝަމީމް ވިދާޅުވި ދެ މީހުންގެ މައްޗަށް ސައްހަ ނޫން ލިއުން އުފެއްދުމުގެ ކުށުގެ ދައުވާ އާއި، އޮޅުވާލުމުގެ ކުށުގެ ދައުވާ އަދި ޓެކުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ވެސް ކުރެވޭނެކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ދައުވާތައް މަންޑޭގެ މައްޗަށް ކުރެވޭނެ ސަބަބެއްކަމަށް ޝަމީމް ވިދާޅުވީ ގިނަ ބައެއްގެ މައްޗަށް މަރަކާރާއި ހީލަތް ހަދާފައިވާތީއެވެ. އެއީ 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާތީ ކޮންމެ މީހެއްގެ ބައި ވަކިވަކިން ދައުވާ ކުރާތީއެވެ.

ކޭޕާކުގެ މައްސަލަ މީޑިއާތަކާއި ހަމައަށް ފެންމަތިވީ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޝިއުން ޖިން މަންޑޭ އެއް ފަހަރާ ގިނަ ބަޔަކަށް ފްލެޓުތައް ވިއްކިކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ. އޭގެ ދުވަސްތަކެއް ކުރިން މީޑިއާތަކަށް ހުޅުމާލެ ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށް ދާގޮތް ދައްކާލުމުގެ ތެރޭގައި ކޭޕާކު ރެސިޑެންސް ދައްކާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު