Monday, 16 September 2024
މަސްވެރިންގެ ގުންޒަރުގައި، ފައިލް ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް ހަމަޖެހޭނެ: ވަޒީރު

މަސްވެރިންނަށް ސަރުކާރުން ދޭންޖެހި ނުދެވި ހުރިފައިސާގެ ތެރެއިން ކުރީ ސަރުކާރުން، މަސްވެރިންނަށް ނުދީ ހުރި ހުރިހައި ފައިސާއެއް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖެއްސުމަށް އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ މމަސްވެރިންގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ދައްކާ ޚަލާސްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވުމުން، ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލްޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން ކަމަށާއި އެހެންނަމަވެސް، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކު ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދާނެ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދާތަން ފެނިގެންދަނެ ކަމަށެވެ. ކަންކަން ހައްލުކުރައްވަން ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ އެންމެ ކުރިޔަށް ނިކުންނަވާ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު