Thursday, 12 September 2024

މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންޑިޔާ ސިފައިން ގެންދަން އިންޑިޔާއިން އެއްބަސްވެއްޖެ

ދިވެހިރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން މޭ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. އެހެންވެ ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ފާހަގަކުރެވުނު ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން އެ ގައުމާއި ދެމެދު މަޝްވަރާތައް ކުރެވުނެވެ.

ރަސްމީ މަޝްވަރާތައް ކުރުމަށް އެކުލަވާލި ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު ކުރިޔަށް ދިޔައީ އިންޑިއާގެ ނިއުދިއްލީގައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބަލަހައްޓަމުންދާ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދު ބެލެހެއްޓުމަށް ތިބި ހުރިހާ ސިފައިން މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަދަލުކޮށް، އަނެއް ދެ ޕްލެޓްފޯމުން މޭއި 10 ގެ ކުރިން އަސްކަރީ އޮފިސަރުން ބަދަލު ކުރާނެކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ދެން އިތުރު ބައްދަލުވުމެއް މި މައްސަލައިގައި އޮންނާނީ، ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ދެ ގައުމުން ވެސް އެއްބަސްވާ ތާރީޚެއްގައި މާލޭގައެވެ.

މިއަދު އޮތް ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މިހާރު ރާއްޖޭގައި އިންޑިއާ އިން ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް އިންޑިއާގެ ސަރުކާރުގެ ބަޔާނުގައި ވެއެވެ.

ކޯ ގްރޫޕްގެ ތިން ވަނަ ބައްދަލުވުން އޮންނާނީ މާލޭގައި ކަމަށް ވެސް އިންޑިއާގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށާއި ޚާއްސަކޮށް ޑިފެންސް އަދި ސެކިއުރިޓީ ކޯޕަރޭޝަނާއި އިޤްތިޞާދީ އަދި ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު