Saturday, 15 June 2024

އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ކަރުދާހުގައި ލޯގޯއާއި ފޮޓޯ ޖެހޭގޮތް ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ލޯގޯއާއި ފޮޓޯ ވޯޓް ކަރުދާހުގައި ހިމެނުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެއްވައިފިއެވެ.

އީސީން ވިދާޅުވީ ވޯޓް ކަރުދާހުގައި ފޮޓޯ ޖެހުމުގެ އިޚްތިޔާރު ހުރިހާ ކެންޑިޑޭޓުންނަށްވެސް އޮންނާނެކަމަށާއި ނަމަވެސް އެއީ މަޖުބޫރު ކަމެއް ނޫންކަމަށާއި، އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުން ބޭނުންވާ ލޯގޯއެއް ވޯޓް ކަރުދާހުގައި ޖެހުމުގެ ފުރުޞަތުވެސް ލިބޭނެކަމަށެވެ.

ޕާޓީތައް ތަމްސީލްކުރާ ކެންޑިޑޭޓުން ޖަހަންޖެހޭނީ އެ މީހަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯކަމަށާއި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުން ހުށައަޅާ ލޯގޯ ޖަހާނީ ކޮމިޝަނުން ބަލާ ފާސްކުރުމަށްފަހުކަމަށްވެސް އީސީން ވިދާޅުވެއެވެ.

ފޮޓޯއާއި ލޯގޯ ޖެހުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައީވެސް ވޯޓުލާ މީހުންނަށް އިތުރަށް ލުއިފަސޭހަކޮށް ދިނުމަށްކަމަށާއި، ނަމްބަރަކާއި ނަމެއްގެ ބަދަލުގައި ފޮޓޯ ނުވަތަ ލޯގޯއެއް އޮތުމުން ވޯޓުލާ މީހުންނަށް ފަސޭހަވާނެކަންވެސް އީސީން ވިދާޅުވެއެވެ.

އިންތިޚާބަށް ކުރިމަތިލާ މީހުން ހުށައަޅަންޖެހޭ ފޯމު ސެޓާއެކު ފޮޓޯއާއި ލޯގޯ ހުށައަޅަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުތަކުގައި މިހާތަނަށް އަމަކުކުރަމުންދިޔަ އުސޫލަށް ބަލާއިރު، ވޯޓް ކަރުދާހުގައި ލޯގޯ އަދި ފޮޓޯ ހިމެނުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ޕާޓީތަކުގެ ކެނޑިޑޭޓުންނަށް އެކަންޏެެވެ. މީގެ ކުރީގެ ބައެއް އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖެހުމުގެ ފުރުޞަތު ދީފައިވެއެވެ. ނަމަވެސް އަމިއްލަ ކެންޑިޑޭޓުންނަށް ލޯގޯ ޖެހުމުގެ ފުރުޞަތު ދޭ މިއީ ފުރަތަމަ ފަހަރެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހަށް ހަމަވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު