އިންޑިއާގެ ހަތިޔާރު އެޅި ސިފައިން، ދިވެހި މަސްކަނޑަށް މަސްވެރިކަމަށް ނިކުމެ އުޅުނު ދިވެހި މަސް ދޯންޏަކަށް އެރި މައްސަލަ އިންޑިއާ ސިފައިން ސަބަބު އަންގަން ދިވެހި ސަރުކާރުން އެދިއްޖެއެވެ.
ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާގެ ދެ ކޯސްޓްގާޑެއް ކައިރިކޮށް ސިފައިން އަރާފައި ވެއެވެ. ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބެއެވެ.
ސަރުކާރުގެ އޮފިޝަލުން މީޑިއާތަކަށް ވިދާޅުވީ، އެއީ ކިހިނެއް ވީކަމެއްތޯ އަންގާ ދިނުމަށް ލިޔުމަކުން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށާއި، މިކަަމާ ގުޅޭ ބަޔާނެއް މިރޭގެ ވަގުތެއްގައި ނެރޭނެ ކަމަށެވެ.
އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިޔާގައި މިހާރު ވަނީ ދައުރުވާން ފަށައިފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އާންމު ކުރި ވީޑިއޯއަކުން ފެނިގެންދަނީ ފަޅުވެރިން ދޯނީގެ ފަހަތަށް ގެނެސް ބޭތިއްބުމަށްފަހު އިންޑިއާ ސިފައިން ދޯނީގައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. ވީޑީއޯއިން ފެނިގެންދިޔައީ ހަތިިޔާރު އަޅައިގެން ތިބި އިންޑިއާގެ ދެ ސިފައިން ދޯންޏަށް އަރާ އުޅުނު މަންޒަރެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ އދ. މަހިބަދޫ އަސުރުމާ-ތިނެއް ދޯންޏަށް އިންޑިއާ ސިފައިން އެރީ އެ ދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮއްވާ ކަމަށެވެ.