Saturday, 22 June 2024

އިންޑިއާ ސިފައިން އަނެއްކާވެސް ދިވެހި މަސްދޯންޏަކަށް އަރާ ބިރުދެެއްކި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިއާ ސިފައިން އަނެއްކާވެސް ދިވެހި މަސްދޯންޏަކަށް އަރާ ބިރުދެެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން އިން ބުނީ ފެބްރުއަރީ އެއް ވަނަ ދުވަހު ގެރޭ އެ ދޯނި ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި ތިން މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުން މި ފަހަރު އިންޑިއާގެ ކޯސްޓު ގާޑުން ހުއްޓުވާފައިވަނީ ހއ މުޅަދޫ ބޭރުގައި އޮންނަ ކަނދުފައްޗާއި 3 މޭލު ގާތުން ދުއްވަމުންދިޔަ އުޅަނދެކެވެ. ބައެއް ފަރާތްތަކުންވަނީ ބިރުދެއްކުމުގެ އަމަލުތަކެއްވެސް ހިންގާފައިވާކަމަށް ރިޕޯޓުކޮށްފައިކަން ފާހަގަކުރެވެއެވެ. މި ދަތިތައް ކުރިމަތިވެފައިވަނީ ހއ އިހަވަންދޫ އަށް ނިސްބަތްވާ “މާހޯރަ 3” ކިޔާ ދޯންޏަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ދޯނީގެ ކެޔޮޅުވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން އިންޑިއާގެ އަސްކަރިއްޔާއިންވަނި އެ ދޯންޏަށް މަޑުކުރުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް މަޑުނުކުރުމުން އިންޒާރުތައް ދޭންފެށިކަމަށާއި އެއާއިއެކު ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތުމުން ދޯނި ހުއްޓާލިކަމަށް ހިއްސާކޮށްފައިވެއެވެ. އަދި ރޭ ދޯންޏަށް އެރި ސިފައިން ތިބީ ބަޑިހިފައިގެންކަމަށާއި އެ މީހުން ތިބީ ދޯނީގައި ތިބި މީހުންނަށް ބަޑިތައް އަމާޒުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

އަދި މި މައްސަލަ ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އަރާ ސުވާލުކޮށް ހެދިއެވެ. ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މިހާރު ދައުރުވާން ފަށާފައިވާއިރު، މިފަހަރު ވެސް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އަރާފައި ވަނީ މާހޯރަ-3 އަށެވެ.

މި މައްސަލައިގައި، ދިފާއީ ވުޒާރާއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރު ކުރުމަށްފަހު، އެ ސަަރަހައްދުގައި އެހެން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ކޯސްޓްގާޑުގެ އުޅަނދެއް ކަމަށްވާ "ޝަހީދު އަލީ" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް އަސްރުމާ-3 ދޯނީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރި ކަމަށެވެ.

އަދި އެ ސަރަހައްދުގައި ހަރަކާތެރިވަމުންދިޔަ އަނެއް ދެ ދޯންޏަށްވެސް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށްވެސް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.

"އަދި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑު ޝީޕް 246 އަދި އިންޑިއާގެ ކޯސްޓްގާޑު ޝިޕް 253 އަސް ނިސްބަތްވާ ބޯޑިންގ ޓީމަކުންކަން ކަށަވަރު ކުރެވުނެވެ،".

ދިފާއީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނި ތަކަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާގެ ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަދި ޚާއްސަ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ،". ދިފާއީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު