ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ތަރައްގީކުރާ އައު މާރުކޭޓާއެކު ވިޔަފާރިވެރިންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން، މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވީ ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް މަނިކެވެ. އޭނާ ވަނީ މިހާރު ހުރި މާރުކޭޓުތަކަކީ ކާބޯތަކެތި ވިއްކަން އެކަށީގެންވާ ތަންތަން ނޫންކަން ފާހަގަކޮށްފައެވެ. އަދި މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރާތީ އެކަމާ ގުޅޭގޮތުން ވެސް އަބްދުﷲ އިބްރާހީމް، ރައީސްއާ ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައު މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށާއި، ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓުތަކުގައި ހުންނަވަރަށްވުރެ ތަނަވަސްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ ވެސް އައު މާރުކޭޓާއެކު ހައްލުވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
"ބޭރު މީހުންގެ މައްސަލައަކީ ތަންކޮޅެއް ބޮޑުވެފައި އޮތް ކަމެއް. ދިވެހިންނަށް ގޮޅި ދޫކުރަނީ. އެހެންވީމަ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން އިމްޕްލިމަންޓިންގ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތާނގައި ހައްލުވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
އައު މާރުކޭޓުގެ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފަށްޓަވާނެ ކަމަށާއި، މާރުކޭޓުގެ މަސައްކަތް ފެށުމުން ލޯކަލް މާރުކޭޓުގައި މިހާރު ވިޔަފާރި ކުރާ ފަރާތްތައް ވަގުތީ މާރުކޭޓަކަށް ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމްލަ ހަތް ފަންގިފިލާއަށް ހަދާ އައު މާރުކޭޓުގައި އެންމެ ތިރީ ފަންގިފިލާ ޚާއްޞަ ކުރަނީ މަސްމާރުކޭޓަށެވެ. އެ މާރުކޭޓުގެ 1،2،3 ވަނަ ފަންގިފިލާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިއްކާތަކެއްޗަށް ޚާއްޞަކުރުމަށް ނިންމާފައިވެއެވެ.
އެންމެ މަތީ ފަންގިފިލާގައި ކޯލްޑް ސްޓޯރެޖަކާއެކު މާރުކޭޓެއް ހަދާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި ފުޑް ކޯޓުތައް ވެސް ހުންނާނެ ކަމަށާއި ބޭސްމަންޓުގައި ޕާކިން ޒޯނެއް ހުންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ކުރިން ވިދާޅުވެފައިވެއެވެ.
މިހާރު ހުރި މާރުކޭޓުގެ ބަދަލުގައި، އައު މާރުކޭޓުގެ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރު އަޙްމަދު ނަރީޝް ވިދާޅުވެފައިވެއެވެ.