Saturday, 22 June 2024

ޗައިނާ ސަރުކާރުންދޭ 200 ސްކޮލަރޝިޕަށް ހުޅުވާލައިފި

ޗައިނާ ސަރުކާރުން ދޭ 200 ސްކޯލަރޝިޕްގެ ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި 200 ސްކޯލަރޝިޕްގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްގެ ފަރާތުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވިދާޅުވެއެވެ. މިހާރު ކުރިމަތިލުމަށް ހުޅުވާލާފައިވާ 200 މީހުންގެ ޖާގައިގެ ސްކޯލަރޝިޕަކީ މާސްޓަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމަށްހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށައެޅުމަށް ވުޒާރާއިން އެދިވަޑައިގަންނަވައެވެ. އޭގެ އިތުރުން ސްކޮލަރޝިޕާއި ކޯސްތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން އެޕްލިކޭޝަން ހުށައަޅަންވީ ގޮތުގެ މަޢުލޫމާތު ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވިދާޅުވެއެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ، އެމްކިއުއޭއިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަމައެހެންމެ، ޕްރޮފެޝަނަލް ނުވަތަ ލައިންސެންސިންގ، ދާއިރާތަކުގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި، އެއިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޯލަރޝިޕްގެ ފުރުޞަތު ދީފައެވެ. އެ 1000 ސްކޮލަރޝިޕް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު