ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބޭ މަންޒަރު ފެނިވަޑައިގަންނަވާކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ނިންމުމަށް މިއަދު ބާއްވަމުންދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު ރައީސް ޞާލިޙް ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފަށައިގަންނާނެ ކަމަށެވެ.
އެމްޑީޕީގެ އަމާޒަކީ މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބުކުރުން ކަމަށާއި، މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ކާމިޔާބުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މަޖިލީހުގެ މެޖޯރިޓީ ނެގުން. އަޅުގަނޑުމެންނަށް އެމަންޒަރު އެބަ ފެނޭ. މި ޕްރައިމަރީ ނިމުމާއެކު އަޅުގަނޑުމެންގެ ކެންޕޭން ލޯންޗިންގ އޮންނާނެ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ބައެއް ދާއިރާތަކަށް ކުރިމަތިލައްވަން ގަސްތުކުރައްވައިގެން މަސައްކަތްކުރެއްވި ބައެއް ބޭފުޅުންނާ ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކޮށްގެން އެއްބަސްވުންތަކަކަށް އާދެވި ބައެއް ކެންޑިޑޭޓުން ފަހަތަށް ޖެހިވަޑައިގަތުމުން އެ ދާއިރާތަކުގައި ޕްރައިމަރީ ބާއްވަންނުޖެހުނު ކަމަށް ފާހަގަކުރައްވަމުން، ރައީސް ޞާލިޙް ވިދާޅުވީ އެފަދައިން ބައެއް ދާއިރާތަކުގައި ޕްރައިމަރީ ނުބާއްވައި މަޝްވަރާއިން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވުމަކީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށާއި އަދި އިންތިޚާބުކުރަން އެ ޕާޓީއަށް އެކަމުގެ ސަބަބުން ފަސޭހަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ސުއްބޫހުން މި ގައްދާރު އަދިވެސް އެބަ އުޅޭދޯ އަވަހަށް ހައްޔަރުކުރަންވީ މަހީކުރީ ޖަލުގަކަމަށް އޮތީ