18 ޖަނަވަރީ 2025

"މަސްތުވާތަކެތީގެ މައްސަލައިން އަރައިގަތުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މުހިއްމު"

ދިވެހިރާއްޖެ މިއޮތީ މަސްތުވާތަކެތީގެ އަވާގައި ޖެހި ހަނާވެފައިކަމަށާއި އެ މައްސަލައިން އަރައިގަތުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މުހިއްމުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި ކުރިއަށްދިޔަ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގައި މުހާތަބުކުރައްވަމުން، މަސްތުވާތަކެތީގެ ސަބަބުން އާއިލާތަކާއި، އިޖްތިމާއީ މައްސަލަތަކާއި، އަދި ކުރިއަށް އޮތް ޖީލަށް މަސްތުވާތަކެތީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރަމުންދާކަމަށާއި މުޅި ގައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖޭގައި ތަސްދީގުކުރެވިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުމުން އެތައް މައްސަލަތަކެއް ކުރިމަތިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގައުމުގެ ހާލަތު ހުރިގޮތުން އެފަދަކަންކަން ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެކަންކަން ހައްލު ނުކުރެވިއްޖެނަމަ ކުރިމަތިވާނީ ކޮން ހާލަތަކެއްކަން ބުނަން ދަތިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވާ މަނާޒިލުތައް ނުފެނުނުކަމުގައި ވީނަމަވެސް، މިހާލަތަށް ގައުމުއައިސްފައިވާއިރު އެކަން ބަދަލުކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ހިއްސާއަކީ ކޮބައިތޯ ވިސްނައިލުމަކީ މުސްލިމުންނަށްވީތީ ވިސްނަންޖެހޭ ކަންތަައްތައްކަމަށެވެ.

"ރައްޔިތުންނަށް ހެޔޮ ވިސްނުން ވިސަނައިދިނުމާއި، ކަން އޮންނަންވީގޮތް ބުނެދިނުމާއި، އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ހަގީގީ މާނާގައި ރާއްޖޭގެ މިއަދުގެ މި ހާލަތު ބަދަލުކުރުމަށްތަކައި މަސައްކަތްކުރުމަށް އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން ހަމަ އެންމެ ރަނގަޅު އެއްބަޔަކީ މަދަނީ ޖަމިއްޔާތައް،" ވަޒީރު ވިދާޅުވިއެވެ.

މަދަނީ ޖަމިއްޔާތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު