މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލްތަކުގެ %50 މިހާރު ދައްކާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުގެ ޓީމާ ބައްދަލުކުރެއްވުމަށްފަހު ވަޒީރު ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި އަދި ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ. މިކަންކަމާ ބެހޭގޮތުން ވަރަށް ފުންކޮށް ވާހަކަ ދެކެވުނު ކަމަށް ސައީދު ވިދާޅުވިއެވެ.
ހަމައެހެންމެ، މިސަރުކާރުން ކުރަން ރާވާފައިވާ ބައެއް ކަންކަން ވޯލްޑް ބޭންކްގެ ޓީމަށް ހިއްސާކުރެއްވުމުގެ އިތުރުން ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާއި ރާއްޖޭގެ އިޤްތިޞާދު މިއަހަރަށް އަންދާޒާ ކުރެވިފައިވާ މިންވަރާގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ފައިނޭންޝިއަލް ހާލަތު އަޅުގަނޑުމެންނަށް ސަރުކާރު ލިބުނުއިރުގައި ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލްތައްވެސް ހުރި. އެއަދަދުވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ %50 އަށް ދަށްކުރެވިފައި އެހުރީ. ދެން އަދިވެސް އެތައް ބައިވަރު ބިލްތަކެއް ހުރީ ނުދައްކާ. އެކަންތައްތައްވެސް އަޅުގަނޑުމެން އެޓެންޑް ވެގެން ކުރިއަށް މިދަނީ." ސައީދު ވިދާޅުވިއެވެ.
Minister @em_saeed met with @WorldBank Regional VP for South Asia Mr. @MartinRaiser and his delegation today. In today's meeting, discussions were focused on key development projects aimed at increasing economic resiliency and improving the fiscal situation of the Maldives. pic.twitter.com/1j6g2UbTMg
— Ministry of Economic Development and Trade (@MoEDmv) February 3, 2024
ވޯލްޑް ބޭންކްގެ އިތުރުންވެސް ދުނިޔޭގެ މާލީ އެހެން އިދާރާތަކާއި، އެހެން ޤައުމުތަކާއެކު ރާއްޖޭގެ މިވަގުތުގެ ހާލަތާއި އަދި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ވިސްނާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށާއި، މިއީ ރާއްޖޭގެ އިޤްތިސާދު ފަހިވެގެންދާނެ ކަމެއް ކަމުގައި ސައީދު ވިދާޅުވިއެވެ.