ގޯތިތައް ލިބިފައިވާ ފަރާތްތަކަށް އެ ބިންތައް ނުގެއްލޭނެކަމަށާއި، ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅިއެވެ.
ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރިއެވެ.
ސަރުކާރާ ހަވާލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދީފައިވަނިކޮށް އެގްރިމެންޓުތައް ވެސް ހެދިއެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެންގިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާންމުންގެ މީހަކު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ގޯއްޗާއި ފްލެޓު ދޫކުރުމާއި ގުޅޭގޮތުން، އަދި މިހާތަނަށް މި ސަރުކާރުން އެކަށީގެންވާ މައުލޫމާތެއް ނުދޭކަމަށް އާންމުންގެ ފަރާތަކުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ހައްގާއި ގުޅިފައިވާ ވާހަކައެއް ކަމަށެވެ.
”އަޅުގަނޑު ހަމަ ދޭން ބޭނުންވާ ޔަގީންކަމަކީ ގުޅީފަޅުން ވެސް، ގިރާވަޅު ފަޅުން ވެސް ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތީގެ ލިޔެކިއުމުގެ ކަންކަން އެބަ ކުރިޔަށް ދެޔޭ.. ރަޖިސްޓްރީ ހެދުމުގެ މަސައްކަތް، ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އެބަ ކުރިޔަށް ދޭ..” ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ ގާނޫނީ ގޮތުން ރަޖިސްޓްރީ ދޫކުރެވުނީ، ހިއްކާފައިވާ ބިމަކުންކަމަށާއި އެހެންކަމުން ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވަގުތީ ގޮތުން ދޭން ޖެހޭ ލިއުންތައް ދޫކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭގެ ހިއްކަމުން ދާ ސަރަހައްދުތަކުން ވެސް ގޯތި ލިބުނު ފަރާތްތަކަށް ރައީސް ދެއްވީ އެގޮތުގެ މަތީން އެ ބިންތައް ލިބޭނެކަމުގެ ޔަގީންކަމެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެ ކަމަށެވެ.
އަދި މި ގޯތިތައް ރަސްމާލެއަށް ބަދަލު ކުރަން އުޅޭކަމަށް ކުރާ ތުހުމަތުތައް ވެސް ރައީސް ވަނީ ދޮގުކުރައްވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ހުޅުމާލޭ ގޯތިތައް ބާޠިލްކޮށް ރަސްމާލެއިން ގޯތި ދޭންވީ.