ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް ދެ ބޭފުޅުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވައިފިއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބުރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުންނެވެ.
އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގައި ޕާޓީތަކުން މެންބަރުން ތަމްސީލުކުރާ އަދަދަށް ބަދަލުއައުމާ ގުޅިގެން ޕާޓީތަކާ މަޝްވަރާކޮށްގެން މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްނުގެންދެވުމާއި ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވި ގޮތާ ގުޅިގެންނެވެ.
ސަރުކާރު ކޯލިޝަނުން މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު، އެ ދެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
އެމްޑީޕީން ބުނެފައިވަނީ ރައީސް އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކުރެވިފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ އަޣުލަބިއްޔަތުން އެކަނި ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުން ފަސޭހަވާނެ ގޮތަށް މަޖިލީހުގެ ޤަވާއިދުވަނީ ބަދަލުކޮށްފައެވެ.
މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލުގެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ އިސްލާހުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު ބަދަލުތަކެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ.
މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅިގެން 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު ޖެހިގެން އަންނަ ފުރަމަ މަޖިލީހުގެ ޖަލްސާގައި އެ ދެބޭފުޅުންގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަންޖެހެއެވެ.