އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާރ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރުގެ ފަރުވާއަށްފަހު މިއަދު އޮފީހަށް ނިކުންނަވައިފިއެވެ.
ކެންސަރު ޖެހިގެން ފަރުވާ ހޯއްދެއްވުމަށް އިންޑިއާއަށް ފުރާވަޑައިގަންނަވާ ވާހަކަ މިނިސްޓަރު ހާމަކުރެއްވީ މިދިޔަ ނޮވެމްބަރު 29 ގަ އެވެ. އޭނާ ފުރާވަޑައިގެންނެވީ ހައިޕާމަރތަރމިކް އިންޓްރާޕެރިޓޯނިއަލް ކީމޯތެރަޕީ އަދި ރޭޑިއޭޝަންގެ ފަރުވާއަށެވެ.
އެކަމަނާ އޮފީހަށް ނިކުންނަވާފައިވާއިރު މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އޭނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރާކަން ވެސް ކުރައްވާފައި ވާ ބޭފުޅެކެވެ.
މި ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް މަޖިލީހުން ނެގި ވޯޓުގައި 70 މެންބަރުންގެ އިއްތިފާގުން ރަމީލާއަށް ރުހުން ދިނުމަށް ވަނީ ނިންމާފައެވެ.