Saturday, 15 June 2024

ތަރިކައާ ގުޅުންހުރި މަސައްކަތްތަކަށް ސްޓެލްކޯއިން ފަންނީ އެހީ ފޯރުކޮށްދިނުމާބެހޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ތަރިކައާ ގުޅުންހުރި މަސައްކަތްތަކަށް ސްޓެލްކޯއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސްޓެލްކޯ އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު 13:00 ގައި ސްޓެލްކޯ ގައެވެ.
މި ފަހުމުނާމާގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، އަދި ސްޓެލްކޯ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ސްޓެލްކޯ އާއެކު މިއަދު ސޮއި ކުރެވުނު ފަހުމުނާމާގެ ދަށުން، މި ވުޒާރާއިން ކުރިއަށް ގެންދާ ތަރިކައާ ގުޅުންހުރި މަސައްކަތްތަކަށް ސްޓެލްކޯއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ވިދާޅުވެއެވެ.
މީގެ ކުރީއްސުރެ ސްޓެލްކޯއިން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ފޯރުކޮށްދޭ އެހީތެރިކަން މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފަންނީ އެހީގެ ދާއިރާ ފުޅާކުރެވިގެން ދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މިއަދު ފަހުމުނާމާގއި ސޮއި ކުރެވުމާއެކު ހުކުރު މިސްކިތާއި ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ވަނީ ތާވަލު ކުރެވިފައެވެ.

މީގެ އިތުރުން، ކަޅުއޮށްފުންމި މަރާމާތު ކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުގައިވެސް ސްޓެލްކޯއިން ބޮޑު އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު