ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމަށް މާދަމާ ބާއްވާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަދި ނައިބުރައީސް އަޙްމަދު ސަލީމު ނޫން ބޭފުޅަކާ ހަވާލުކުރުމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޠާރިޤު ގޮވާލައްވައިފިއެވެ.
ޠާރިޤު މިފަދައިން އިލްތިމާސްކުރެއްވީ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވެރިކަންކުރާ ކޮންގުރެސް ކޯލިޝަނުން ހުށަހަޅާފައިވަނިކޮށް އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން ދެ ބޭފުޅުންނަށް މިއަދު ފޮނުއްވުމާ ގުޅިގެންނެވެ.
މެންބަރު ޠާރިޤު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ރިޔާސަތު ބެލެހެއްޓެވުމާ ދުރަށްޖެހިވަޑައިގެންނެވި ކަމަށެވެ.
ރައީސް ނަޝީދު އަމަލުކުރެއްވި ގޮތުން މިސާލު ލިބިވަޑައިގެން އެއީ ނަމޫނާއެއްކަމަށް ބައްލަވައި މާދަމާގެ ޖަލްސާގެ ރިޔާސަތުން އަސްލަމާއި ސަލީމު އެއްފަރާތަށް ޖެހިވަޑައިގެން މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައިވާ 5 މެންބަރުންނާ ރިޔާސަތު ހަވާލުކުރެއްވުމަށް ހެއްދެވުމަށް ޠާރިޤު ގޮވައިލެއްވިއެވެ.
އަދި ޠާރިޤު އިތުރަށް ވިދާޅުވެފައިވަނީ ޑިމޮކްރަސީއަކީ އެމީހަކާ ޖެހުމުން އެއްލައިލާ އެއްޗެއްކަމަށް ނުހެދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުން ދޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށްފަހު އެންމެ ފުރަތަމަ ބާއްވާ ޖަލްސާއަކަށް އެ މައްސަލަ ތާވަލުކުރަންޖެހެއެވެ.
މީގެ ކުރިން މަޖިލީހުގެ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅުމުން އެމަނިކުފާނުވަނީ ވަގުތީ ގޮތުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ދުރަށް ވަޑައިގެންފައެވެ.
މިހާރު މަޖިލީހުގެ ރައީސާއި ނައިބުރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅުއްވާފައިވާ 5 މެންބަރުންނަކީ ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމާއި، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރެވެ.
ކޮންގުރެސް ޕާޓީން މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ތާވަލުކުރުމާއި، މައްސަލަ ކުރިއަށްގެންދިއުމުގައި މަޖިލީހުގެ ރައީސް ޤަވާއިދާ ޚިލާފުވެވަޑައިގެންފައިވާތީއާއި، ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ރައީސް އަމަލުކުރެއްވިއިރު ނައިބުރައީސް އެކަން ރަނގަޅުކުރެއްވުމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާތީއެވެ.