Saturday, 15 June 2024

ޑިމޮކްރެޓުންވެސް ރިޔާސީބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަނީ

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވާ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބަޮއިކޮޓް ކުރަން ދަ ޑިމޮކްރެޓްސްއިންވެސް ނިންމައިފިއެވެ.

ޑިމޮކްރަޓްސް ޕާޓީން ނެރުނު ބަޔާނެއްގައިވަނީ ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކޮށްފައިވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކެމެވެ. އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަމެވެ." އެ ޕާޓީގެ ބަޔާނުގައިވެއެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެކަމަށެވެ.

މިއީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ވާއިރު އެ މަނިކުފާނުގެ ބަޔާނުގައި ސަރުކާރުން ދިވެހިރާއްޖެގެ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ބަޔާންކުރައްވާނެއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ދައުރު ފަށާ ޖަލްސާއެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އެ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

އެހެން އަހަރުތަކުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދުވަސް ބަންދު ނުކުރުމަށް ނިންމަވާފައެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މަޖިލިސް ތައްޔާރުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށްފަހު ދައުރުގެ ދެވަނަ ޖަލްސާވެސް މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ. އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މެންދުރުފަހު 2:00 ގައެވެ.

މި ޖަލްސާގައި އިންތިޚާބުތަކުގެ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހާޅާފައިވާ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދެންވެރިކަންލި ބުނީދޯ ދެންތިހެންތިބޭ ސަރުކާރުން ރާއްޖެ ތަރަށްގީކުރާތަންބަލާން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު