Thursday, 20 June 2024

މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، މަންފާ އިތުރުކުރުމަށްޓަކައި ކުންފުންޏެއް އުފައްދަވައިފި

މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" މިއަދު އުފައްދަވައިފިއެވެ.

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް"ގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް އުފެއްދެވީ، ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިކަން އިޢުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރު (ޤަރާރު ނަންބަރު 2024/3 ) ގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު