ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ފާސްކޮށްފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނުގައި ވާގޮތުން، ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުން ހިމެނެއެވެ.
"މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުމާއި، މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުންނެވެ." އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބުތައް ބަޔާންކޮށް ނެރުނު ބަޔާނުގައިވެއެވެ.
އިއްވަވާ ރިޔާސީ ބަޔާނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ ޤާނޫނީ ޒިންމާއެކެވެ. މާދަމާ އިއްވަވާ ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
ޑިމޮކްޜެޓްސްއިން ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުނުވާން ނިންމީ މަޖިލީހުން ރުހުން ނުދިނުމަށް ނިންމާފައިވާ ވަޒީރުންތަކެއް ޖަލްސާގައި ބައިވެރިވާތީކަމަށެވެ. އަދި ޤާނޫނާއި ހިލާލު އަމަލެއްގެ އިތުރުން، މަޖިލީހުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ދެކޭކަމަށް ޑިމޮކްޜެޓްސްއިން ބުނެއެވެ.
އެމްޑީޕީން ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ހާޒިރުނުވާން ނިންމީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ގުޅިގެންކަމަށެވެ. މީގެއިތުރުން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށްވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.
ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ބަޔާނެކެވެ.