ފައިސާ ޗާޕުކުރުން ހުއްޓާލައި، ސެޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޑޮލަރު ޖަމާކުރަން ފަށައިފިން: ރައީސް

ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރަން ފަށާފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއެކު، ދަރަނި އަދާކުރުމުގެ ބުރަ ކުޑަކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު އިއްވަވާ ރިޔާސީ ބަޔާނުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިޤުތިޞާދަށް ތަދު އަހަރުތަކެއް ކުރިމަތިވުމަށްފަހު، އެ ދަތިތަކުން އަރައިގަތުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ މެދުކެނޑުމެއްނެތި މިންނަތް މަސައްކަތްތަކެއް ކުރަމުންނެވެ.

އިޤުތިޞާދީ ޙާލަތު ރަނގަޅުވި ނަމަވެސް ދައުލަތުގެ މާލިއްޔަތަކަށް ގިނަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އާމްދަނީއާއި ޚަރަދުގެ ފަރަގު ބޮޑެ ފިސްކަލް ޑެފެސިޓު ދެމެހެއްޓެނި ނޫން މިންވަރަކަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމާ ގުޅިގެން 2020 ވަނަ އަހރުގައި ބަޖެޓު ޑެފިސިޓު 13.5 ބޮލިއަން ރުފިޔާއަށް އިތުރުވި ކަމަށެވެ.

ނަމަވެސް ސަރުކާރުން ހިންގަމުން އައި އިސްރާފާއި، ސަރުކާރުގެ އެއިރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުރި ގޮތުގެ ސަބަބުން އިޤުތިޞާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަވީއިރުވެސް، ދައުލަތުގެ ބަޖެޓު ޑެފިސިޓު ކުޑަނުވިކަމަށް ރައީސް ވިދާޅުވިއެވެ.

"މިގޮތުން، 2023 ވަނަ އަހަރު އިގުތިސާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވިނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށްވުރެވެސް ފުޅާކޮށް، 14.6 ބިލިއަން ރުފިޔާގައި.،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ރާއްޖެއާމެދު ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މާލީގޮތުން ޤައުމު ވެއްޓިފައިވާ އަޑިގަނޑުން ނަގައި، ހިންދެމިލެވިގެން ކަމަށެވެ. ރާއްޖޭގެ ތާރީޚުގައިވެސް މާލީ ގޮތުން ރާއްޖެ ނުދާފަދަ ނުރައްކާތެރި ހާލަތަކަށް ފާއިތުވި ފަސް އަހަރު ނިމުނުއިރު ގޮސްފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޑެފިސިޓު ފައިނޭންސްކުރުމަށް ކުރީ ސަރުކާރުން ނެގި ދަރަނީގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115.9 އިންސައްތައަށް ދަރަނި އުފުލިފައިވާ ކަމަށެވެ.

އަދި ފާއިތުވި 5 އަހަރު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމުގެ ނަމުގައި 8 ބިލިއަނެއްހައި ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި، އެއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކޮށްފައިވާ މިންވަރާ ނުބައްދަލު މިންވަރެއްކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވިކަމަކީ ޒިންމާދާރުކަމެއް ނެތި މަނިޓައިޒްކުރަމުންދިޔަ ދިއުން ނިމުމަކަށް ގެންނެެވުން ކަމަށެވެ. 31 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓައިލާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ސަސްޕެންޑުކުރރެވުނު މާއްދާތައް އިއާދަކުރެއްވި ކަމަށެވެ.

ހަމައެހެންމެ، ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވުމުގެ ގޮތުން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ބޭރު ފައިސާވެސް ނަގައި މާރުކޮށްފއިވާ ކަމަށެވެ. އަދި މިހާރު އަލުން އެފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު