Thursday, 20 June 2024

ރާއްޖޭގެ ސިޔާދަތަށް ލޮޅުން އަރާފާނެ ކަމެއްގައި އެއްވެސް ބަޔަކަށް ދުލެއް ނުދޭނަން: ރައީސް

ރާއްޖޭގެ ސިޔާދަތަށް ލޮޅުން އަރާފާނޭކަމެއްގައި ދިވެހި ސަރުކާރުން އެއްވެސް ބަޔަކަށް ދޫ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަންކަމަށެވެ.

ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 91 އަހަރުކުރީން، 1932 ވަނަ އަހަރުގެ ޑިސެންބަރުމަހު 22 ވަނަ ދުވަހު، ރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް، އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން، 3 ވަނައިގެ ފަރާތްޕުޅުން އިއްވެވި ޚުޠުބަތުލްޢަރުޝި ނުވަތަ ރިޔާސީ ބަޔާނަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ޝަމްސުއްދީން ރަދުންގެ ފަރާތުން އިއްވެވި ބަޔާނުގައި، އިސްލާމް ދީނުގެ މަތިވެރިކަމާއި އަމިއްލަވަންތަކަމާއި އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ބޮޑު ނިއުމަތެއްކަން ރަދުން ފާހަގަކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އިސްލާމް ދީން މަތީ ތިބެވުމީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ އެއަށްވުރެ ޢަދުލު އިންސާފުވެރިކަން ބޮޑު، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި، ދީނެއް ނެތްކަމީ، ކަށަވަރުކަމެކެވެ. މިކަމުގެ މައްޗަކަށް އަލަކުން ދަލީލެއް ދެއްކުމެއް ބޭނުމެއް ނޫނެވެ. އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ކުޑަ ނިޢުމަތެއް ހެއްޔެވެ؟ މި ޒަމާނުގައިވެސް ބޮޑެތިބޮޑެތި އެތައް ކަރަޔެއްގެ މުޅި ރައްޔިތުން ޖާނުން އެތިބަ ޤުރުބާންވަނީ އެކަން ހޯދުމުގެ މައްޗަށެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަންކަމަށެވެ.

ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ތާއީދުކުރީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވާލުމުގެ މައްޗަށްކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުވެވަޑައިގަތުމާއެކު އެމަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ދޭދޭ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ދަނީ ކުރެވެމުން. ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި. މިކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީކުރެވެމުން. އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުކަރައިގެ ސިފައިން ފޮނުވާލުމުގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރެހުމަށްކަމަށް ބުނެ، އެ ޤައުމާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައި، އެކަންވެސް އެ ޤައުމަށް މިހާރު އަންގާފައިވާކަމަށެވެ. އަދި ސަރުކާރު އޮތީ ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫދޭގޮތަކަށް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީންކުރަންޖެހޭ މަސައްކަތްވެސް ސަރުކާރުން ފައްޓަވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމު އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ބޮޑުރަސްގެފާނާއި، އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒަޢާމަތުގައިވެސް ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރެއްވުމަށް ވަނީ މަސައްކަތް ކުރައްވާފައިކަމަށެވެ.

“ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލަބާރީންނާއި ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް. އެއީ އެ ޒަމާނަށް ބަލާއިރު ވަރުހުރި ދިފާޢީ އާލާތްތަކެއް.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭކަމަށެވެ. އެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި ސަރުކާރުން ހިފަހައްޓާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް’ގެ ސިޔާސަތުކަމަށެވެ. އަދި، ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު