Wednesday, 19 June 2024

ރިޔާސީ ބަޔާން 2024: ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ: ރައީސް

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭކަމަށާއި އަދި އެކަން ކުރަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެބޮޑު ވަޢުދުފުޅަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ކުރި ތާއިދަކީ، ދިވެހިރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާޢީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދިއުން

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާތައް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެންމެފަހުގެ މަޝްވަރާތަކުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ޤާއިމުވެފައި ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް، 10 މާރިޗު 2024ގެ ކުރިން ގެންދާނެކަމަށާއި، ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެކަންވެސް ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތު ކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ހަލުވިކަމާއެކު ކުރިއަށް ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން އެއްގަމާއި، ކަނޑާއި، ވައިގެމަގުން ވަރުގަދަކުރުމުގެ ތެރެއިން، ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން ވަރަށް އަވަހަށް ދިވެހި ޢަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު ހިފަހައްޓަވާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާއި ދިވެހި ޤައުމަށް އިސްކަން ދިނުން، ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތުކަން ތަކުރާރު ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު