ދައުލަތުގެ ޚަރަދުގައި ފަޤީރުންގެ ލިސްޓުން ޙައްޖަށް ފޮނުވާނީ 69 އަހަރު ނުފުރޭ މީހުން ކަމުގައި ކަނޑައަޅައިފި

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބޭނީ، ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއަހަރަކު ޙައްޖަށް ގެންދިޔުމަށް މީހުން ހޮވުމާއި ހަމައަށް ޢުމުރުން 69 އަހަރު ނުފުރޭ މީހުންނަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލުވަނީ އިސްލާމިކް މިނިސްޓްރީން ޢާއްމުކުރައްވާފައެވެ.

"ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައިވާގޮތަށް ފަރުޟު ޙައްޖު ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތަކަށް ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދެވޭނެ ގޮތް ތަފްސީލުކޮށް ބަޔާންކުރައްވާފައެވެ.

"ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގެ ދަށުން ކޮންމެ އަހަރަކު ޙައްޖަށް ގެންދާނެ މީހުންގެ ޢަދަދު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރެވެ. މިފުރުސަތު ލިބޭނީ، ކޮންމެ އަހަރެއްގެވެސް ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިޔުމަށް މީހުން ހޮވުމާ ހަމައަށް ޢުމުރުން 69 އަހަރު ނުފުރޭ ސިއްޙަތު ރަނގަޅު މީހުންނަށް ކަމަށް އުސޫލުގައިވަނީ ބަޔާންކުރައްވާފައެވެ.

ހަމައެހެންމެ، ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހަކީ އަތޮޅުތެރޭގެ ރަށަކުން އަންނަ މީހެއްނަމަ ޙައްޖަށް ދިޔުމަށް މާލެ އައުމާއި، ޙައްޖަށްފަހު އެނބުރި ރަށަށް ދިޔުމަށް ހިނގާ ޚަރަދު ސަރުކާރުން ހަމަޖައްސާ ދޭނެއެވެ. މިއުސޫލުގެ ދަށުން ޙައްޖަށް ގޮސް އަޅުކަމުގެ ތެރޭގައި ޚާއްސަ ސިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ހިނގާ ޚަރަދުވެސް ހަމަޖައްސާ ދޭނެކަމަށް މިއުސޫލުގައިވެއެވެ.

މީގެ އިތުރުން، ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ގެންދިޔުމަށް ނިންމާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ރިޒާވް ކޯޓާގެތެރެއިންނެވެ. އަދި މިފަރާތްތައް ޙައްޖަށް ގެންދިޔުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެވެ. މިއުސޫލުގެ ދަށުން ފަޤީރުންގެ ތެރެއިން ޙައްޖަށް މީހުން ފޮނުވުމަށް މާލީ ގޮތުން އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސްވަނީ ފަހިކޮށްދެއްވާފައެވެ. ހަމައެއާއެކު މިއީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހިނގާކަމެއްކަން ކަށަވަރުކުރުމަށް ކޮންމެ ޙައްޖު ދަތުރަކަށްފަހު، ދަތުރުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހުށައެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢާއްމުކުރައްވާފައިވާ އުސޫލުގައިވަނީ ބަޔާންކުރައްވާފައެވެ.

މި ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ 1000 މީހުންނަށް ފަރުޟު ޙައްޖު ކުރެވޭނެ މަގުފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިފަރާތްތައް ޙައްޖަށް ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ދައުލަތުގެ ބަޖެޓާއި ޒަކާތު ފަންޑު މެދުވެރިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު