Saturday, 22 June 2024
ޖާބިރު އެމްޑީޕީއަށް ސޮއިކުރުން، ފޮޓޯ: ދުވަސް

ޖާބިރު އެމްޑީޕީން ވަކިކޮށްފި، އެމްޑީޕީގެ ޓިކެޓުވެސް ބީވެއްޖެ

ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކޮށްފިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގައި ކާށިދޫ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ވެސް ކާމިޔާބު ކުރި ޖާބިރު ވަނީ އެ ޕާޓީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓު ކުރުމުން ވެސް ހާޒިރުވެފައެވެ. އަދި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް ތައުރީފު ކުރައްވާފައެވެ.

މި މައްސަލަތަކާ ގުޅިގެން، މިރޭ ބަޔާނެއް އާންމުކޮށް އެމްޑީޕީން ވިދާޅުވީ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ޖާބިރު އަމަލުކުރަމުން ދާތީ، އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި މިއީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައި ވާތީ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު މަޖިލިސްގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގަައި ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށް ނިންމާފައިވާކަމަށާއި، އެހެންވެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ވިދާޅުވީ، ޖާބިރަށް ދެން އެމްޑީޕީއަށް ގުޅުމުގެ ފުރުސަތު ދޭނީ ގައުމީ މަޖިލީހަށް ހުށަހަޅައި ނިންމާ ގޮތެއްގެ މަތިން ކަމަަށެވެ. އެ ފުރިސަތު ދޭ ހާލަތެއްގައި ވެސް ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ވަނީ ނިންމާފައެވެ.

އޭނާ އެ ޕާޓީން ވަކި ކުރަން ނިންމި އިރު، ލޯންޗެއްގައި ހުންނަވައި ބޭއަދަބީ ބަސްތައް ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. އަދި ޕްރައިމަރީ ކެމްޕެެއިނަށް ދާއިރާއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އޭނާ ބޭލުމަށް މަސައްކަތް ކުރުމުން ވެސް ހުތުރު ބަސްތައް ބޭނުން ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު