Thursday, 20 June 2024

މިހާތަނަށް މަސްވެރިންނަށް 329 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 329 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް އިޤްތިޞާދީ މުޅި ސަރަޙައްދުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމާއި، މަސްވެރިކަމުގެ އާ ބާވަތްތައް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މަސްވެރި އުފެއްދުންތައް އިތުރުކުރުމާއި، އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުމަށްވެސް މި ސަރުކާރުގެ ޕްލޭންތަކެއް އެބަހުރިކަމަށެވެ.

އެގޮތުން، މަސްވެރިންގެ އަބަދުވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް މި ސަރުކާރުން އިސްކަންދެއްވާކަމަށެވެ. އެގޮތުން ސަރުކާރު ހަވާލުވިއިރު ނުދީހުރި ފައިސާގެ ތެރެއިން މިހާތަނަށް 329 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

"ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވިއިރު، ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން އަޅުގަނޑުމެންގެ ސަރުކާރުން މިހާތަނަށް 329,953,144 (ތިން ސަތޭކަ ނަވާވީސް މިލިޔަން ނުވަސަތޭކަ ފަންސާސް ތިން ހާސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ) ވަނީ މަސްވެރިންނަށް ދެވިފައި. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތްދަނީ ކުރެވެމުން. ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމަށްދޭ އިސްކަމުގެތެރެއިން ކެބިނެޓުގައި އެޖެންޑާކޮށް އެންމެ ފުރަތަމަ ނިންމި ނިންމުމަކީ މިފްކޯ އަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމުގެ ނިންމުންކަމަށާއި، މަސްވެރިންގެ ދައުރު މިފްކޯ ހިންގުމުގައި ހިމަނާނެކަމަށް ސަރުކާރުން ވީ ވަޢުދާ އެއްގޮތަށް، މިފްކޯގެ ބޯޑު މެންބަރަކަށް މަސްވެރިއެއް ޢައްޔަނުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް ސަރުކާރުން ހޯދައިދޭ އިނާޔަތްތަކާ އިޤްތިޞާދީ އަދި އިޖްތިމާޢީ ފުރުޞަތުތައް އިތުރުކުރުމަށް، މަސްވެރިންގެ ދަފްތަރެއް މިއަހަރު އެކުލަވާލާނެކަމަށެވެ. އަދި އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިޔަކު، ރެސްކިއު ޑައިވަރ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިހާރު ފަށާފައިވާކަމަށާއި، ފުރަތަމަ ފިޔަވަހީގައި 50 މަސްވެރިން ތަމްރީނުކުރެވިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ޤާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް މިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު