Saturday, 15 June 2024

އިނގިރޭސި ރަސްގެފާނު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކެންސަރު ޖެހިފައިވާ ކަން އެ ޤައުމުގެ ޝާހީ ގަނޑުވަރު, ބަކިންގްހަމް ޕެލެސްއިން ކަށަވަރުކޮށްދެއްވައިފިއެވެ.

ޗާލްސްއަށް މިބަލި ޖެހިފައިވާކަން އެނގިފައި ވަނީ ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހަސްފަތާލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ. ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ލަންޑަން ކްލިނިކް ޕްރައިވެޓް ހަސްފަތާލުގައި ތިން ދުވަހު އެޑްމިޓްކޮށްފައި އޮތުމަށްފަހު ރަސްގެފާނު މިހާރު ވަނީ ދޫކޮށްލާފައެވެ.

ރަސްގެފާނަށް ކެންސަރުގެ ވައްތަރެއް ޖެހިފައިވާކަން ހާމަވީ, ޕްރޮސްޓޭޓްގެ ފަރުވާއާ ގުޅިގެން ހެދި ޓެސްޓުތަކުން ކަމުގައެވެ. އެއީ ކެންސަރުގެ ކޮން ވައްތަރެއްކަން ސާފުކޮށްދީފައެއް ނުވާ ކަމަށާއި، ނަމަވެސް, އެއީ ޕްރޮސްޓޭޓްގެ ކެންސަރު ނޫން ކަން ޝާހީ ޢާއިލާގެ ބައެއް މަސްދަރުތަކުން ކަށަވަރުކޮށްދެއްވައެވެ،

މިކަމާ ގުޅިގެން ރަސްގެފާނުގެ ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައެއް ބައްދަލުވުންތައް ކެންސަލް ކުރައްވާފައިވާ ކަމަށާއި، ކެންސަރަށް ފަރުވާ ހޯއްދަވައި, ރަސްމީ މަސައްކަތްތަކާ ވީ އެންމެ އަވަހަކަށް ހަވާލުވެ ވަޑައިގަންނަވަން ރަސްގެފާނު އުންމީދު ކުރައްވާ ކަމުގައިވެސް ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވެއެވެ.

ޝާހީ ގަނޑުވަރުން ވިދާޅުވެފައިވާ ގޮތުގައި، ރަސްގެފާނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ, ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައްދަލު ކުރެއްވުންތައް ވަގުތީ ގޮތުން ހުއްޓައިލުމަށެވެ. އެހެންނަމަވެސް ރަސްމީ ޒިންމާތައް އަދާ ކުރެއްވުމުގައި ރަސްގެފާނު ދެމިހުންނަވާނެ ކަމަށް ޝާހީ ގަނޑުވަރުން ވިދާޅުވެއެވެ.

ޝާހީ ޚާންދާނުގެ ތެރޭގައި އެތައްދުވަހެއްގައި އުޅުއްވުމަށްފަހު، އުމުރުފުޅުން 75 އަހަރުގެ ޗާލްސް އިނގިރޭސި ތަޚުތާ ހަވާލުވެޑައިގަތީ މަންމާފުޅު, ރަސްގެފާނު އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެ ރަސްމިއްޔާތަކީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ރަސްމިއްޔާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު