ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާ ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިމަހުގެ 3 ވަނަ ދުވަހު އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ 23،972 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުކަމަށްވާ ރަޝިއާއަށްވުރެ، 2،074 ފަތުރުވެރިން އިތުރު އަދަދެކެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 21،4470 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 18،9332 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.3 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާވެފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ ޤައުމުތައް
- ޗައިނާ – 23،972
- ރަޝިއާ – 21،898
- އިޓަލީ – 21،321
- އިނގިރޭސިވިލާތް – 18،078
- އިންޑިއާ – 16،536
ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ އިރު، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7362 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އެގޮތުން މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެ ޢަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ކަނޑަައަޅުއްވާފައިވާ މި އަމާޒުތައް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.