ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހުން މިމަހު ކަނޑައެޅުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ގެންދިޔުމުގެ އުސޫލު މިހާރު ޢާއްމުކުރައްވާފައިވާކަމަށެވެ. އަދި އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ޚާއްސަ ކޮމިޓީއަކުން އެމަސައްކަތް ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ނިންމެވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވާއިރު، ޢުމުރުން 69 އަހަރު ނުފުރޭ ސިއްޙަތު ރަނގަޅު ކޮންމެ މީހަކަށް ފުރުސަތު އޮންނާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢާންމުކުރައްވާފައިވާ އުސޫލުގެ ދަށުން ޙައްޖަށް ދިޔުމަށް އަތޮޅުތަކުން އަންނަ ފަރާތްތަކުގެ ދަތުރުގެ ޚަރަދު ހަމަޖައްސާނީ ދައުލަތުންނެވެ. އަދި ޙައްޖުގެ އަޅުކަމުގައި ޝާމިލުވެ އުޅުމުގައި ކުރިމަތިވާ ސިއްޙީ ޙާލަތްތަކަށް ހިނގާ ޚަރަދުވެސް ދައުލަތުން ހަމަޖައްސައިދެއްވާނެއެވެ. މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އިންތިޒާމުކުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.
މިއުސޫލު ޢާންމުކުރައްވާފައިވާއިރު، ޙައްޖަށް ދިޔުމުގެ މާލީ ޤާބިލުކަން ނެތް 1000 މީހަކު ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ޙައްޖަށް ފޮނުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން ފޮނުވާ ފުރަތަމަ 50 މީހުން މިއަހަރު ޙައްޖަށް ފޮނުއްވާނެކަމަށް އެމަނިކުފާނު ވަނީ ޢިއުލާންކުރައްވާފައެވެ.