ރޯމާ ދުވާލު ޙައްޤު ނޫން އެތައް ބަޔަކަށް ފުލެޓް ދީ، އަވަހަށް ފުލެޓް ޙަވާލުކުރަން ގޮވާލަން ބިރުވެތިކަމެއްވެސް ނެތީތޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ވެރިކަން ބަދަލުވުމުގެ ފައްތަރުގެ މަތީގައެވެ. ދެން އިވެން ފެށި ވާހަކައަކީ އޭސީސީއަކީ ފުލެޓް ދޫކުރަން އޮންނަ ތަނެއް ނޫންކަމުގެ އަޑުތަކެވެ. އެތަނަށް ދެވޭނީ ލަފައެއް ކަމަށާއި، އެ ލަފައަށް ޢަމަލުކުރުމާއި ނުކުރުން އޮންނާނީ ސަރުކާރުގެ އަތްމަތީގައި ކަމަށެވެ. ބޮޑެތި އޮޅުވާލުންތައް އޮޅުވާލައި ފުލެޓް ޙަވާލުކޮށް ބައި މީހުންނަށް މޮޅުވާ ގޮތަށް ފުލެޓްތައް ބަހާލައި ދަައްކަން ފެށީ އޭސީސީއަކީވެސް ބޭނުމެއް ނެތް ތަނެއްގެ ކުލަވަރެވެ. އެތަނުންދޭ ލަފާ ބޮލާލާ ޖަހަންވެސް ރަނގަޅުކަމަށް ވަކާލާތު ކުރީ ބޮޑެތި އޮޅުވާލުންތަކެއް އޮތަތީކަން މިއަދު މިއޮތީ ހާމަވެފައެވެ. ބިތުފަންގި ނަގާ ދުވަހު، އޮޅުވާލި ލިސްޓުގެ ޙަޤީޤަތް އެނގި ފުލެޓް ބީވެދާނެތީ ވޭތުވެދިޔަ ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި ބާރުގަދަ ބޭބޭފުޅުން މި މޭރުމުން ވާހަކަ ދެއްކެވީ ފަހުން ވާނޭ ގޮތެއްގެ ބިރު އޮވެގެންކަން މިއަދު މިއޮތީ ހާމައަށް ފެންނާށެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފާހަގަކުރެވިފައިވާއިރު، އެގޮތަށް ފްލެޓް ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލައި، އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީން ވަނީ ނިންމާފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރި ގޮތާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކުގެ ތަހުގީގަށް ފަހު، އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ކުރީގެ ސަރުކާރުން ފްލެޓް ދިނީ ނާޖާއިޒު ފައިދާއެއް ހޯދުމަށްތޯ ބަލާނެ ކަމަށެވެ.

"މި ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނުކަންކަން މި ހިނގާފައި ހުރީ ގޯސް ނިޔަތެއް އޮވެގެންތޯ ނޫންތޯ ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން. މިސާލަކަށް ނާޖާއިޒު ފައިދާއެއް ހޯދަ ދިނުމަށްޓަކައިތޯ ނޫނީ ނާޖާއިޒު ފައިދާއެއް ހޯދުމަށްޓަކައިތޯ މިކަން ކޮށްފައި ހުރީ. އޭގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ދާނީ،" ޝާހިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، އެ ފްލެޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން އައި މީހުން އެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް އެ މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ. އެކަމުގައި ކުރިން އުޅުނު މީހުން ހާޒިރުކޮށް، ތަހުގީގަށް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އޭރު މަސައްކަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުންނާ މިނިސްޓްރީ ތެރެއިން ވަނީ ސުވާލުކުރެވިފައި. އިތުރަށް އެ މައުލޫމާތުގެ އަލީގައި ސުވާލުކުރަންޖެހޭ މީހުންނަށް ސުވާލުކުރުމަށް މިދަނީ ތައްޔާރުވަމުން،" ޝާމިލް ވިދާޅުވިއެވެ.

ޝާހިލު ވިދާޅުވީ ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމުގެ ކުށަކީ އޭސީސީގެ މެންޑޭޓަށް ފެތޭ ކުށެއް ނޫން ކަމަށާއި އެކަމަކު މަގާމުގެ ނުފޫޒު ފޯރުވައިގެން ނާޖާއިޒު ފައިދާ ހޯދުމަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތައް ކަމަށެވެ. "ޖިނާއީ ތަހުގީގެއް ހިންގުމަށް ތުހުމަތެއް އުފައްދައިގެން ގޮސް ޖިނާއީ މިންގަނޑުން ޝައްކެއް ނެތް މިންވަރަށް މައުލޫމާތު އެއްކުރެވޭ ނަމަ ޑިއުޓީ ޕްރޮޓިކިއުޝަނެއް ދިއުމާ މެދު މަޝްވަރާކުރުން އޮންނާނެ،" އޭސީސީގެ ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާކަން އެނގުނީ އޭސީސީގެ ތަހުގީގުންނެވެ. އެ ކޮމިޝަނުގެ ތަހުގީގުގައި 40،48 ފޯމެއް ބެލި އެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ. ނަމަވެސް ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.

ފޯމުތަކުގައި ހުރި މައްސަލަތައް

  • 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވާ ގިނަ ބަޔަކު ހިމަނާފައިވުން.
  • ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން.
  • ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅިކަން.
  • ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވުން.
  • ގިނަ ބައެއްގެ ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު ކަން.

ވެރިކަން ބަދަލުވުމުން ފުލެޓްތައް ބީވެ ދާނެ ކަމަށްޓަކައި އަވަހަށް ފުލެޓްތައް ހަވާލުކުރަން ގޮވާނެގިއެވެ. ޚުދު ކުރީގެ ރައީސް ޞާލިޙްވެސް މި މޭރުމުން އެތައް ފަހަރެއްގައި ވާހަކަދެއްކެވިއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް މިއޮތީ ފެންނާށެވެ. އޮޅުވާލާފައި މިވަނީ ވަކި ސުމާރެއް ނެތިއެވެ. އެއްވެސް ބިރުވެތިކަމެއްވެސް ނެތިއެވެ. ފުލެޓްތަކަކީ ވަކި ބައެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫނެވެ. އެއީ ދައުލަތުގެ ހަރުމުދަލެވެ. ބޭނުންވާހާ ގޮތަކަށް، ބޭނުންވާހާ ބަޔަކަށް ފުލެޓްތައް ބަހާ ހުސްކޮށްލެވޭނީ ކިހިނަކުންތޯއެވެ؟ މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލި ފަރާތްތަކާއި ދޮގު މަޢުލޫމާތު ދީގެން ބާރުގަދަ، ނުފޫޒުގަދަ މީހުން މެދުވެރިވެގެން ހިންގާފައިވާ މިފަދަ ޖަރީމާތަކުގެ ދަލުގައި އާންމު ރަައްޔިތުން ޖައްސަނީ ސިޔާސީ ބޭނުމެއްގައެވެ. ޙަައްޤު ނޫން މަންފާއެއް ހޯދުމުގެ ބޭނުމުގައެވެ. ކިރިއާވެސް ބިރުވެތިކަމެއް ހުރިނަމަ، މިފަދަ ފަސާދައިގެ ދޮރުތައް ހުޅުވަން މަސައްކަތެއް ނުކުރާނެއެވެ. ރައްޔިތުންނަށް ދަސްކޮށްދޭންވީ ހަމައާއި އުސޫލުތަކުން ނުކުންނާނެ ފޮނި ނަތީޖާގެ ފިލާވަޅުތަކެވެ. މަކަރާ ޙީލަތް ހެދުމުގެ ފިލާވަޅުތަކެއް ނޫނެވެ. ވެރިން ދައްކަން ޖެހޭނީ ރިވެތި ނަމޫނާއެވެ. ފަސައިދައިގެ ކެހިވެރި ތަޅަތަކެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ