Saturday, 15 June 2024

މަޖިލިސް އިންތިޚާބުގައި ވެލިދޫ ދާއިރާއަށް ވާދަކުރައްވާ އައްބާސް ހިމެނޭހެން 6 ކެންޑިޑޭޓަކު ފޯމު ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް 6 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާއިރު، ވެލިދޫ ދާއިރާއަށް އެމްޑީއޭގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ފޯމް ހުށަހަޅުއްވައިފިއެވެ.

މަޖިލިހުގެ އިންތިޚާބަށް އެމްޑީއޭއިން ވެލިދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް، އެމްޑީއޭގެ ޤައުމީ ކައުންސިލް މެންބަރު މުޙައްމަދު އައްބާސް ފޯމު ހުށަހަޅުއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 5 ދާއިރާކުން ވާދަކުރުމަށް 6 ކެންޑިޑޭޓުން ފޯމް ހުށައެޅިކަމަށާއި، އެކަމަކު 1 ކެންޑިޑޭޓެއްގެ ފޯމް ޝަރުތު ހަމަނުވާތީ ބަލައިގެންފައިނުވާ ކަމަށާއި، ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަން 2 ކެންޑިޑޭޓަކު ފޯމް ހުށަހަޅާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މިހާތަނަށް ފޯމު ހުށައެޅި ދާއިރާތައް

  • ގަމު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • މީދޫ ދާއިރާ
  • ވެލިދޫ ދާއިރާ

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. ހަބީބު ވިދާޅުވީ ފަހުވަގުތަށް މަޑުކުރުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނުލިބިދާނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ނުކުރާނެކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާއިރު ކޮންމެ ކެންޑިޑޭޓަކު ވެސް މުޅިން އަލަށް ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުއްވަންޖެހޭނެއެވެ. އަދި އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ އެއެކައުންޓް މެދުވެރިކޮށްކަމަށާއި ހުރިހާ ޚަރަދެއް ކެންޑިޑޭޓުގެ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ޖެހޭނެކަމަށް ޙަބީބު ވިދާޅުވިއެވެ. މީގެ އިތުރަށް އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތީންކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގާދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. އަދި ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުވެސް ހުށަހަޅަން ޖެހޭނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު