އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއަށާއި ބަންޑާރަ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން ފޮނުއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރަކަށް ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޛު އަހުމަދު އުޝާމް އަލުން ޢައްޔަން ކުރައްވާފައެވެ. އެ މަޤާމުތަކަށް އެ ބޭފުޅުން އަލުން ޢައްޔަން ކުރެއްވީ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން އެ ތިން ވަޒީރުންނަށް ރުހުން ނުދިނުމުންނެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ފުރަތަމަ ހުށަހެޅުއްވުމުން ޝަހީމާއި ހައިދަރާއި އުޝާމަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން ވޯޓު ދެއްވިއެވެ. އެއީ މިހާތަނަށް ސަރުކާރަކުން ޢައްޔަން ކުރެއްވި ފުރަތަމަ ވަޒީރުންނަށް ރުހުން ނުދިން ފުރަތަމަ ފަހަރެވެ.