ހަތުރުން ފާރަވެރި ކަޅިއަކުން ބަލަމުންދާއިރުވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެ ލޯބިން ތިބި ރައްޔިތުންގެ ހިތުގައި ވަނީ އިޚްލާސްތެރި ލޯތްބެއް ކަމަށް ޑިފެންސް މިނިސްޓަރ އަދި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތ. ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރ އަދި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، ހަތުރުން ފާރަވެރި ކަޅިއަކުން ކަންކަން ބަލަމުންދާއިރުވެސް އަދި ހިތްހަމަ ނުޖެހި ފިލާ ތިބެ ބަލަމުން ގެންދާއިރުވެސް، ރައީސުލްޖުމްހޫރިއްޔާގެ ޢިއްޒަތާއި އިތުބާރާއި ހައިބަތު، އެމީހުންގެ ކުރިމަތީގައި އުފުލިގެންދަނީ އެމަނިކުފާނު ދެކެ ލޯބިން ތިބި ރައްޔިތުންގެ ހިތުގައި އިޚްލާސްތެރި ލޯތްބެއް އޮތުމުންކަމަށެވެ،
“އަޅުގަނޑުދެކޭގޮތުގައި އެމަނިކުފާނު ގަދަބަސް ވިދާޅުވާތީއެއް ނޫން. އެމަނިކުފާނު ވަރުގެ ބޭފުޅަކު ދުނިޔޭގައި ނެތްކަމަށް ދެކެވަޑައިގެން ކުރައްވާ ކަމަކުންނެއްވެސް ނޫން. އެމަނިކުފާނު ރައްޔިތުންނަށް ކުރައްވާ ގަދަފަދަ އަމުރަކުންނެއްވެސް ނޫން. އެއީ ވަރަށް މަޑުމައިތިރިކަމާއެކު ލޯތްބާއެކު ރައްޔިތުންނާ މުޚާޠަބު ކުރެއްވިކަމުގައި ވިޔަސް އެމަނިކުފާނުގެ ދޫފުޅަކީ ވަރަށް ތޫނު ހަތިޔާރަކަށްވީތީ. އެބަހުގެ މުރާދަކީ ދޫފުޅުން ވިދާޅުވާ ބަސްފުޅުގެ ތެދުކަން". ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ރައީސް ގުރައިދޫއަށް ވަޑައިގަތުމުންވެސް ހާމަވަނީ އެމަނިކުފާނުގެ ތެރުވެރިކަމާއި އިޚްލާސްތެރިކަން ކަމަށެވެ.