30 އެޕްރީލް 2025

ރައީސްގެ ތަސައްވުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ: އާދަމް ޝަރީފް

އެމަނިކުފާނުގެ ތަސައްވުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ ކަމަށާއި، ރައްޔިތުން އުންމީދުކުރާ އަދި ދެކެން ބޭނުންވާ ހަރުދަނާ ތަރައްޤީގެ ތަސައްވުރެއް ފެންނަން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގެންނެވިފަހުންކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ ވިއްސަކަށް އަަހަރުތެރޭގައި އެކި ރައީސުންގެ ވެރިކަން ތަޖުރިބާކުރެވިއްޖެކަމަށާއި ނަމަވެސް ރައްޔިތުންނާއި ގާތުން ވެރިކަންކުރާ މަންޒަރު ފެނިގެންދަނީ ރައީސް މުއިއްޒުގެ އަދުގެ ޒައާމަތުންކަމަށެވެ.

"އެމަނިކުފާނުގެ ތަސައްވުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ. މާލެ ކައިރީގެ ހިސާބުތަކާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަރައްޤީގެ މަންޒަރުތަކާއެކު ދުބާއީގެ މަންޒަރުތައް ސިފަވާނެ މަންޒަރު މާ ލަސްތަކެއް ނުވެ ފެންނާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސްގެ ތަރައްޤީގެ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ތެރެއިން ކަނޑުއަޑީގެ ޓަނަލެއް ހަދާނެކަމަށް ވިދާޅުވުމުން އެކަން ނުވާނެކަމަށް ބައެއް މީހުން ބުނިނަމަވެސް، އެ ވާހަކަފުޅުތައް ރައީސް ދައްކަވަނީ އިންޖިނިއަރިންގެ ތަޖުރިބާއާއި ބޭރުގެ ތަޖުރިބާއާއެކުކަމަށާއި، އެއީ ވާނެކަމެއްކަން ޔަޤީންކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި ރާއްޖޭގެ ބައިތުލްމާލުގައި އެއްވެސް ފައިސާއެއް ނެތްކަމަށާއި، ކުންފުނިތައް އޮތީ ދަރަނިވެރިވެފައިކަމަށެވެ. ނަމަވެސް އެކި ގޮތްގޮތުން އެހީ ހޯއްދަވައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފެންނަނީ ތަރައްޤީއަށް މަސައްކަތްކުރުމުގެ ބަދަލުގައި ތަރައްޤީއަށް ހުރަސް އަޅާ މަންޒަރުކަމަށާއި، އެކަން ހާމަވީ ރައީސްގެ ތަރައްޤީގެ ތަސައްވުރުގައި ހިމެނޭ މަޝްރޫޢުތައް ބަޖެޓުގައި ހިމެނުމުން އުނިކުރެއްވުމުންކަމަށާއި، ރައީސްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތަޢުލީމީ ޤާބިލް ވަޒީރުންނަށް ރުހުން ނުދިން މައްސަލަވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ތެރެއިން ދިމާވާ އެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ތަސައްވުރާއިގެން ކުރިއަށް ދެވޭނީ މަޖިލީހުން ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދަން މަޖިލީހުގެ އެއްބާރުލުން ބޭނުުންވާނެކަމަށާއި، އެއްބާރުލުން ނުލިބިއްޖެނަމަ ހުރަސްތައް ކުރިމަތިވާނެކަން ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު