Saturday, 22 June 2024

ރާއްޖެއިން ޤައުމަކާ ދެކޮޅަށް ކުރިމަތިލުމަކަށް ދާކަށް ނޫޅޭ، އިސްތިޤްލާލަށް އިޙްތިރާމުކުރާހާ ހިނދަކު ދުޝްމަނެއް ނުވާނެ: ރައީސް

ރާއްޖެއިން އެއްވެސް ޤައުމަކާ ދެކޮޅަށް ކުރިމަތިލުމަކަށް ދާން ނޫޅޭ ކަމަށާއި ރާއްޖޭގެ އިސްތިޤްލާލަށް އިޙްތިރާމުކުރާހާ ހިނދަކު އެއްވެސް ޤައުމަކާ ދުޝްމަނުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކުރަން ޖެހެނީ އާދައިގެ ކަމެއް ނޫން ކަމަށާއި މިނިވަންކަން ދެމެހެއްޓުމަށް ކުރައްވަން ނިންމެވި ކަމަކާ ދެކޮޅަށް ދިވެހިންގެ ތެރެއިން ބަޔަކު ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ބޮޑު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުވެސް އަމިއްލަ ޤާބިލުކަމާއެކު ބެލެހެއްޓޭނެގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމުގައެވެ. އެގޮތުން އެކަމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ފަށައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި، ލަސްތަކެއްނުވެ އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރާތަން ފެންނަން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި އިރާދަފުޅާއެކު އެކަން ހާސިލުކުރެވޭނެ ކަމުގައެވެ.

ހަމައެހެންމެ، ރާއްޖޭގެ ކަނޑުގެއަޑި ސަރވޭކުރުމުގެ މަސައްކަތްވެސް ކުރައްވާނީ ރާއްޖޭގައި އެކަމުގެ ޤާބިލުކަން އުފައްދަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑި ސްކޭންކޮށް މެޕްކޮށް އެހެންބަޔަކު ގެންދިއުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫންކަމުގައެވެ. އޭގެ ބަދަލުގައި ދިވެހި އަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ، އެފަދަ ސްކޭންކުރުމާއި މެޕްކުރުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ހޯދައިދިނުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ވެވަޑައިގެންނެވީ އެ ވަޢުދުތައް އެ ވެވަޑައިގެންނެވިގޮތަށް އަކުރުން އަކުރަށް ފުއްދެވުމަށް ކަމުގައި ބަޔާން ކުރެއްވިއެވެ. އަދި އެކަން އެމަގުން ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އެގޮތުން ހުރިހާ ބޮޑެތި ރަށެއްގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ވޭމަންޑޫގެ މަގުތައް ހެދުމުގެ ވަޢުދުވެސް ފުއްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތްވެސް އެންމެ އިސްކަމެއްދޭ ރަށެއްގެ ގޮތުގައި ބައްލަވައިގެން ފުރިހަމަ ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަސައްކަތް މިއަހަރު ފެށޭތޯ މަސައްކަތް ކުރައްވާނެކަމަށާއި، މީގެ އިތުރުން އެރަށުގެ ސްކޫލްގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ރަށުގެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމުގެ މަސައްކަތަކީވެސް ކުރަން ނިންމަވާފައިވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކޮންމެ ސިޓީއަކާއި އަތޮޅުވެރިކަން ކުރާ ރަށެއްގައި، އިސްލާމްދީނުގައި ޢީދަށް އެ އޮންނަ ޢީދުގެ އުފާ ލިބޭގޮތަށް އިންތިޒާމުތައް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ލައިޓްތައް ޖަހައި ދިއްލުމާއި ތަކްބީރުގެ އަޑުއިވޭގޮތަށް ދާދިފަހުން މާލޭގައި ކަންކަން ކުރިއަށްގެންދިޔަ ގޮތަށް އިންތިޒާމުތައް ކުރައްވާނެކަމަށާއި އަދި ކުރިއަށް އޮތް ފިޠުރު ޢީދުގައި ވޭމަންޑޫގައި އެކަން އެގޮތަށް ކުރިއަށް ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު