"ޕްލީޒް.. ދެން އެކަމާ ނުވިސްނަބަަ. ނިދާލަން ޓްރައި ކޮށްލަބަ އެނގޭ.." ރިއާން އެދުނެވެ. އެ ހަނދާންތަކަށް ޒީވާގެ ސިކުނޑި އެނބުރިދާނެ އެއްވެސް ހިޔާލެއް ޒީވާ ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އޭނާއަށް ވެގެންވަންޏާ ޒީވާގެ ހަޔާތައް އެރޭގެ ކުޑަވެސް ހިޔަންޏެއް އެޅުނަކަ ނުދޭނެއެވެ.
ޒީވާ ނިދުމުން ކާރު ތެރެއަށް ވެރިވެފަައިވީ އާދަޔާހިލާފު ހިމޭންކަމެކެވެ. ރިއާންގެ އިތުރުން ރާހިލްގެ ސިކުނޑީގައިވެސް ދުލުން ބަހެއް ބޭރުކުރެވޭ ވަރަށްވުރެން ހިޔާލުތައް ގިނަވެފައިވާ ކަހަލައެވެ. އެ ހިމޭންކަންމަތީ އެމީހުން އައިސް ރިއާންމެން ދިރިއުޅޭ އިމާރާތުގެ ޕާކިންގްއަށް ކާރު ވައްދައިލިއެވެ. ރިއާންގެ ހިޔާލުގައި ދެން އެރޭ ޒީވާއަށް ގޮވައި ހޭލެއްވުމުގެ ނިޔަތެއްނެތެވެ. ޒީވާ މޭގައި ލައްކޮށްލައިގެން އިނދެ ކާރުން ފޭބުމަށްފަހު އެޕަރޓްމެންޓާ ހިސާބަށްވެސް ގެންދިޔައީ އަތްދަނޑިމަތީގައެވެ. ޒީވާ ކޮޓަރީގައި ބާއްވައިފައި ރިއާންނުކުންނަންދެން ރާހިލް ސިޓިންގްރޫމްގައި މަޑުކޮށްލިއެވެ.
އެނދުގެ މަޑު ތަންމަތީގައި ޒީވާ ބާއްވައިލުމަށްފަހު ރިއާން ހިންދެމިލިއެވެ. ގޮށްޖެހިފައިވާ ބުމައިން އެކަނިވެސް އޭނާގެ ރުޅިގަނޑު އަދިވެސް ފިނި ނުވާކަން އެމޫނުމަތިން ފާޅުވާން ހުއްޓެވެ. އިތުރަށް އެންމެ މިނަޓެއްވެސް ލަސްކުރުމެއްނެތި އޭނާ ފޯނު ނަގައި ފައިރޫޒަށް ގުޅައިލިއެވެ.
"ޔެސް ސަރ.. އަޅުގަނޑުމެން މިވަގުތު މިއުޅެނީ އެގޭގެ ކައިރީގަ.. އިރާދަކުރެއްވިއްޔާ ދައްތައަށް އަދި ގޭގެ އިތުރު މީހަކަށްވެސް ފައިސަލްގެ އުނދަގުލެއް ނުވާނެ"
ފައިރޫޒްގެ ޖަވާބު އިވުމާއެކު އެރޭ ވާފިޔާމެންނަކަށް ފައިސަލްގެ އުނދަގުލެއް ނުފޯރާނެކަމުގެ ޔަގީންކަން އޭނާއަށް ލިބި ހިސާބަކަށް ހަމަޖެހިލެވުނެވެ. އެހެންކަމުން މާ ގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ކޯލު ކުރުކޮށްލަމުން ނިިދިފައި އޮތް ޒީވާގެ މޫނަށް ބަލައިލިއެވެ. އެނދުގެ އަރިމަތީގައިވާ ލޭމްޕްގެ ރަން އަލި ޒީވާގެ މޫނަށް އެޅިފައިވާއިރު ފެންނަނީ ކިތަންމެހައިވެސް ހިތްގައިމުގޮތަކަށެވެ. އެކަމަކު އެ އަލީގެ އުނދަގުލެއް ޒީވާގެ ހަމަ ނިންޖަށް ކޮށްފާނެކަމުގެ ބިރުގައި ރިއާން އެނދުގެ އަރިމަތީ ކަބަޑުމަތިން ރިމޯޓު ނެގުމަށްޓަކައި ގުދުވެލިއެވެ. އެވަގުތު ޒީވާގެ ކަރުގައި ހުރި ނޫކުލައިގެ ނިޝާން ފެނުމާއެކު އެއީ އޭނާއަށް ފެނުނު ގޮތްތޯ ނުވަތަ ހަގީގަތްތޯ ބެލުމަށްޓަކައި ރިމޯޓުނަގައި ކޮޓަރީގެ ލައިޓްތައް އަލިކޮށްލެވުނެވެ.
ރިއާންއަށް ހީވީ އޭނާގެ ހިތްވެސް ހުއްޓުނުހެނެވެ. ފައިސަލް ޒީވާގެ ކަރުގައި ހިފިގޮތުން ޒީވާގެ ކަރުވަނީ ވަރަށްބޮޑަށް ނޫފައިގެންފައެވެ. އެ މުޑުދާރު އަތްތިލައިގެ ފާހަގަ ޒީވާގެ ހަށިގަނޑުން ފެނުނު ވަގުތު ރިއާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެވަގުތު އެފަދަ މަންޒަރެއް ފެނުންވީ ރިއާން އައިސްފައިވާ ރުޅީގެ އަލިފާނަށް ތެޔޮއެޅުން ކަހަލަ ކަމަކަށެވެ. އެތަނުގައި ހުރި ކެބިނެޓުން ދެވަނަ ކާރެެއްގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނުކުންނަން ދިޔައިރު އޭނާގެ ދެކަންފަތުން ދުންއަރަމުންދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
"ރިއާން.. ޝައިނާ ގުޅާ-"
ކޮޓަރިން ނުކުތް ވަގުތު އޭނާއާ ދިމާލަށް އައި ރާހިލްވެސް ދުރަށް ކޮށްޕައިލުމަށްފަހު ރިއާން އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ. ރާހިލްގެ ވާހަކަ އަޑުއެހުމަކީ އޭނާއަށް މުހިއްމު ކަމަކަށް ނުވިއެވެ. ހަމަބުއްދި ފިލައިގޮސްފައިވާ މީހެކޭ އޭނާއެކޭ ތަފާތެއްނެތެވެ. އެމޫނުމަތީގައިވާ ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހު ފެނި ރާހިލްވެސް ޖެހިލުންވިއެވެ. ރިއާން ދިޔަ ދިމާ ބަލަން ހަރަކާތް ހުއްޓިފައި ހުރެވުނީ އޭނާއަށް އެނޫންގޮތެއް ނެތުމުންނެވެ. ރިއާންގެ އަމަލުތައް ހުރިގޮތުން އެރޭ ގޯހެއް ހަދާނެކަމުގެ ބިރު އޮތްނަމަވެސް އެވަގުތު ޒީވާ އެކަނި ދޫކޮށްލައިފައި ދާކަށް ރާހިލްގެ ޟަމީރު އެއްބަހެއް ނުވިއެވެ.
***************
މެހެމާނުން މަދުވާންފެށުމާއެކު ވާފިޔާ އަވަސްވެގަތީ ގޭތެރެއާ ބަދިގެތެރެ އަވަހަށް ސާފުކޮށް ނިންމައިލުމަށެވެ. އޭނާ ކުރަންހުރި މަސައްކަތްތައް ވަރަށްގިނައެވެ. އެކަންކަން ނިންމައިލައިފައި ނޫނީ އޭނާއަށް މިރޭ ނިދޭކަށްވެސް ނެތެވެ. ކުރިން ޒީވާ ހުރިއިރު އޭނާއަށް ގޭތެރޭގެ މަސައްކަތްތަކުގައި ލުއިވި ނަމަވެސް މިހާރު އޭނާއަށް އެކަމުގައި އެހީތެރިވެދޭނެ އިތުރު މީހެއްނެތެވެ. އެލީޝާއަކީވެސް މާގިނަ މަސައްކަތްތަކެއް ދަންނަ ކުއްޖެއްނޫނެވެ. އަތްގާތްކޮށްދޭނެ ކުއްޖަކު ގެންނަން ނާޝިދު ކިތަންމެ ފަހަރަކު އެދުނު ކަމުގައިވިޔަސް ވާފިޔާއަކަށް އެގޮތެއްވެސް ކަމަކު ނުދެއެވެ. އޭނާއަށް ގެއަކީ އޭނާގެ އާއިލާއެވެ. ބީރައްޓެއްސަކު ގެއަށް ގެނެސްގެން އުޅުމަކީ އޭނާ އެއްވެސް އިރެއްގައި ގަޔާވާ ގޮތެއް ނޫނެވެ.
"ދައްތާ!! ހެލްޕެއް ބޭނުންތަ؟" ޝައިނާ ފަހަތުންގޮސް ވާފިޔާގެ ގައިގައި ބައްދައިލަމުން އަހައިލިއެވެ.
"ނޫނޭ.. އިޝީވެސް ޒީވެސް މިކަމާ ނޫޅެއެއްނު. ޝައިނާވެސް މިރޭ ދޭ ދެން އެކުދިންނާއެއްކޮށް މަޖާކޮށްލަން" ވާފިޔާ ހިނިތުންވެލިއެވެ.
"ޒީ ގޮސްފި. އިޝީ އެކަނި އިނީ.. ޒީ ހާދަ ފޭކޭ ދޯ. އެ ދިޔައީނު ދޯކާ ދީފަ! އަބަދުވެސް އެހެނޭ އެ ހަދަނީ މިހާރު" ޝައިނާ ފޫހިވެފައި ތުންއަނބުރައިލި ގޮތުން ވާފިޔާ ގާތަށް ހިނިއައެވެ.
"މީހަކާ އިނީމަ ދެން ވާނީ އެހެނޭ.. ޝައިނާއަށްވެސް އަދި އެނގޭނެ" ވާފިޔާ މަޖާވެލައިފައި ބުންޏެވެ.
"މަންމާ" ދެމީހުން ވާހަކަައިގައި ޖެހިފައި ތިއްބައި ފަހަތުން އެލީޝާ ގޮވައިލި އަޑު އިވުނެވެ.
"ކިހިނެއްވީ ދަރިފުޅާ؟" ވާފިޔާ މަސައްކަތް ހުއްޓައިލުމަށްފަހު ފަހަތައް އެނބުރުނެވެ. އެލީޝާއަށް ގޮވައިލި އިރު ވާފިޔާގެ އަޑުގައި ހުރި ގާތްކަން އިވި އިޚްތިޔާރަކާނުލައި ޝައިނާގެ ހިތުގައި ހަސަދައިގެ އޮއެވަރެއް ދަތުރުކުރިއެވެ.
"ރާހިލް ދުށިންތަ؟ ރިއާން ހޯދާށޭ ކިޔާފަ ނުކުތީ.." އެލީޝާ އެތަނުގައިހުރި ޝައިނާއަށް މާބޮޑު ސަމާލުކަމެއްނުދީ އަހައިލިއެވެ.
"ނޭނގެ. ދަރިފުޅު ގުޅާލަބަލަ. މިހާރު ދެން މަންމައަށްވުރެން ދަރިފުޅު ގުޅާލީމައެއްނު ރަނގަޅުވާނީވެސް ދޯ ޝައިނާ" ވާފިޔާ ގާތުގައިހުރި ޝައިނާއަށް ދޯ ދިނެވެ.
ވާފިޔާ ތަށިތަށް ދޮވުމުގައި ކުރިއަށް ދިޔައިރު އެލީޝާ ރާހިލްގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ރާހިލްގެ ފޯނަށް ނުގުޅިދާ ކޮންމެ ފަހަރަކު އެލީޝާގެ މޫނުމަށްޗަށް އަރާ ކަންބޮޑުވުމުގެ ކުލަވަރު ފެނި ޝައިނާގެ ބޮލުގައި ރިއްސައިލިއެވެ. އެއީ ޚުދު އޭނާވެސް ދަންނަ ކުލަތަކެކެވެ. އޭނާގެ ހިތުގައިވެސް އެ އަޅާލުމާއި ކަންބޮޑުވުން ފުރަތަމަ އުފަންވީ ރާހިލްއަށްޓަކައެވެ. އަނެއްކާ އެލީޝާގެ ހިތުން ރާހިލްއަށް މަޤާމެއް ހުސްވަނީބާއެވެ. އާއިލާގެ ރުހުންވެސް އޮތީ އެލީޝާއާއެކު ކަމަށްވާތީ އެހެންވެއްޖެނަމަ އެ ދިރުއުޅުމާ ދުރަށްދާން ޖެހޭނެ މީހަކީ އޭނާކަމުގެ ބިރު އެބައޮތެވެ. ނަމަވެސް އެ ބިރުވެރި ހިޔާލު ސިކުނޑިން ދޫކޮށްލުމަށްފަހު ޝައިނާ ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. އެއީ މާދަމާ ރަޝިޔާއަށް ފުރުމަށް ހަމަޖެހިފައިވާއިރު ރާހިލް ވީތަނެއް ނޭނގޭތީ އެލީޝާގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުމެއްކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދިނެވެ.
"އަޅެ މަންމާ.. ފޯނެއް ނުނަ–"
"މަންމާ.. މަަންމާ.. މިގެ ކުރިމަތީގަ ރިއާންބެގެ ކާރު އެކްސިޑެންޓްވެގެން އެބައުޅޭ" ކުއްލިއަކަށް ދުވެފައި އައި އިޝްވާ ބުނި ވާހަކައިން އެތަނުގައި ތިބި ތިންމީހުނަށް އެކަކު އަނެކަކާދިމާލަށާ ބަލައިލެވުނެވެ. އެކަކަށްވުރެ ކުރިން އަނެކަކު ބެލްކަންޏާ ދިމާލަށް ދުއްވައިގަތެވެ.
"އެއީ ރިއާންގެ ކާރުތަ؟" ވާފިޔާ ޔަގީންކޮށްލުމުގެ ގޮތުން އަހައިލިއެވެ.
"އާން މަންމާ.. އެއީ ރިއާންބެގެ ކާރެކޭ.. ދޮންތި އެއްކަލަ ދުވަހު މިގެއަށް ގެނެސްދޭން އައި ކާރޭ އެއީ. ހަނދާންވޭތަ އެދުވަހު އިޝީ ދިޔައިމެއްނު ރިއާންބެއާ އެއްކޮށް؟ އިޝީ ހަނދާން އެބަހުއްޓޭ! އެދުވަހު އިޝީ ދިމާވެސް ކުރިން ދޮންތި އިމްޕްރެސް ކުރަން ދޯ އޭ ކިޔާފަ" އިޝްވާ ޔަގީންކަން ދިނެވެ.
ވާފިޔާއަކަށް އަދިވެސް އެއީ އެކާރު ކަމެއް ޔަގީނެއް ނުކުރެވުނެވެ. އެމީހުންނަށް ތިބެވުނީ އަށްވަނަ ފަންގިފިލައިގައިކަމުން ތިރީގައި ހިނގާ ކަންކަން މާ ރަނގަޅަށް ނުފެނުނު ނަމަވެސް އެތަނުގައި އެމްބިއުލާންސަކާއި ފުލުހުން ހަރަކާތްތެރިވާކަން އެނގޭވަރުވެއެވެ. ފައިސަލްމެންގެ ގުރޫޕުވެސް އުޅޭތަން ފެނެއެވެ.
ވާފިޔާއަށް އޭނާ ބޭނުންވި ޔަގީންކަން ލިބުނީ ކޮޓަރިން ނުކުތް ނާޝިދު ހަރު ފިޔަވަޅުތަކެއްގައިގޮސް ގޭގޭ ދޮރުން ނުކުތުމުންނެވެ. އެއާއެކު އޭނާވެސް އަވަސްވެގަތީ ބުރުގާ ރީތިކޮށްލައިގެން ތިރިއަށް ފޭބުމަށެވެ. އޭނާއާއެކު ޝައިނާއާއި އެލީޝާގެ އިތުރުން އިޝްވާވެސް ފޭބިއެވެ. އޭރު މުޅި ސަރަހައްދުވަނީ ކޯނު ޖަހައި ބަންދުކުރެވިފައެވެ. އެންމެ ފުރަތަމަވެސް އެމީހުންގެ ލޮލުގައި އަޅައިގަތީ އެތަނުގައި ހުރި ފުލުހަކާ ވާހަކަދައްކަންހުރި ނާޝިދެވެ. އެތަނުގައިތިބި ފައިރޫޒްމެންނާއި ފުލުހުންގެ ޓީމް ފިޔަވައި އިތުރު ބަޔަކު އެމަގުން ފެންނާކަށް ނެތެވެ. އެއްގަމު ދުއްވާ އުޅަނދު ފަހަރުގައްޔާއި ފައިމަގުގައި ކަންބަލަން އެއްވާ އާންމުންވެސް އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން އަނބުރައިލައިފައި ދަނީއެވެ.
"ނާޝިދު..ކި.. ކިހިނެއްވީ؟ މިއީ ކޮންކަމެއް؟" ވާފިޔާ ދުވެފައި އައިސް ނާޝިދުގާތު ހުއްޓިލިއެވެ. އޭރު ޝައިނާ ކަންބޮޑުވެފައިހުރެ އެއްފަހަރު ޒީވާއަށް އަނެއްފަހަރު ރާހިލްއަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
"މިއީ.. މިިއީ މި ރިއާން.."
"ރިއާން ކޮބާ؟ ރިއާންއަށް ކިހިނެއްވީ؟ ޒީވާ ކޮބާ؟" ނާޝިދުގެ ވާހަކަ ފުރިހަމަކުރާނެ ފުރުސަތެއްނުދީ ވާފިޔާގެ ސުވާލުތައް އޮއްސައިލިއެވެ.
ނާޝިދަކަށް އެ ސުވާލުތަކަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ ލޮލުން އިޝާރާތްކޮށްލީ ދުރުގައި އޮތް ފުލުސްކާރަށެވެ. ވާފިޔާއާއި އެލީޝާ އަދި ޝައިނާއާއި އިޝްވާއަށް ވާނުވާ ނޭނގިފައިތިބެ އެ ކާރާދިމާލަށް ބަލައިލެވުނެވެ. ކާރުގައިވާ އެތެރެ ނުފެންނަ ބިއްލޫރީގެ ސަބަބުން އެމީހުންނަކަށް ނާޝިދު ދައްކަން އުޅުނު މަންޒަރެއް ނުފެނުނެވެ. އެވާހަކައެއް ފަހުމެއް ނުވިއެވެ.
"ރިއާންވީ އެ ކާރުގަ.. އިރުކޮޅަކުން ސްޓޭޝަންއަށް ގެންދާނެ" ނާޝިދު އޮޅުންފިލުވައިދިނެވެ.
"ކީކޭ؟ ރިއާން އެކަނިތަ؟ ޒީވާއެއްނެތް؟ އެމީހުން ކީއްވެ ރިއާން ބަންދުކުރަންވީ؟ ރިއާންއާ ހެދިތަ އެކްސިޑެންޓް ހިނގީ؟" ވާފިޔާ އެހިއެވެ.
"ހްމްމް ރިއާން އެކަނި. ޒީވާ ފެންނާކަށްނެތް. އަދި ނޭނގެ މާ ރަނގަޅަކަށް ވީގޮތެއް. މިގޭގެ ކެމެރާއަށްވުރެ ތަންކޮޅެއް ދުރުން އެކްސިޑެންޓް ހިނގީ.. ކެމެރާއަށް ފެންނަނީ ފައިސަލް ވިއްސައިގެންގޮސް ސައިކަލުތަކުގެ މައްޗަށް ޖެހުނުތަން. ވަރަށް ހާލު ދެރަހެން ހީވަނީ.. އެމްބިއުލާންސްގަ ގެންދިޔައީ އެމީހުންބުނީ ރިއާން ގަސްތުގަ އައިސް ފައިސަލް ގައިގަ ޖެއްސީކަމަށޯ ބެލެވެނީ. " ނާޝިދު ބުންޏެވެ.
ވާފިޔާއަށް ލިބުނު ސިހުމުގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ. ރިއާން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.
"ދައްތާ.. ޒީވެސް ރާހިލްވެސް ފޯނެއް ނުނަގާ.. އަޅުގަނޑު މެސެޖްކޮށްލައިފިން ވެގެންއުޅޭގޮތް.." ޝައިނާ ހާސްވެފައިހުރެ ވާފިޔާގާތު ބުންޏެވެ.
"ދެން ތިމީހުން ހޯދަން އުޅޭނީ ފަހުން.. ރިއާން މިހާރު އެ ގެންދަނީ.. އަހަރެންނާއެކު އަންނަން ބޭނުން ބަޔަކިއްޔާ އާދޭ" ނާޝިދު ގަރާޖުން ކާރު ނެރުމަށްޓަކައި އަވަސްވެގަތެވެ. ވާފިޔާ ކުރީ ސީޓަށް އެރުމާއެކު ބާކީތިބި ތިން އަންހެންކުދިން ކާރުގެ ފަހަތުސީޓަށް އަރައި ހަމަޖެހިލިއެވެ.
"ޝައިނާ.. އަދިވެސް އެދެކުދިންނަށް ގުޅޭތޯ ބަލާބަލަ" ކާރު ދުއްވަން ފެށިތާ މާގިނައިރެއްނުވެ ވާފިޔާ ބުންޏެވެ.
"އެމީހުންވެސް އެއީ ކުޑަކުދިންނެއް ނޫނެއްނު؟ ފަހުންވެސް އެމީހުން ހޯދަން އުޅެވިދާނެއެއްނު" ނާޝިދު ފާޑަކަށް ހިތްހަމަނުޖެހިފައި ބުންޏެވެ.
"މިވަރު ކަމެއް ހިނގައިގެން އުޅޭއިރު ނާޝިދަށް ތިހެން ބުނަން ފަސޭހަވެދާނެ. ނާޝިދުގެ ދަރިންނެއް ނޫނެއްނު!" ވާފިޔާގެ އަޑު ކުރެހުނެވެ. ނާޝިދު ވަކިއެއްޗެކޭ ނުބުނީ އެއީ ވާފިޔާ ޖަޒްބާތުގައި ޖެހި ބުނި އެއްޗެއްކަން އެނގޭތީއެވެ.
ހީކުރި ގޮތާހިލާފަށް މާލޭގެ ފުލުސް ސްޓޭޝަންގެ ބަދަލުގައި ރިއާން ގެންދެވުނީ ހުޅުމާލެ ފުލުސް ސްޓޭޝަނަށެވެ. ނާޝިދުމެން ކާރުން ފޭބުމުގެ ކުރިން ރިއާން ގެންގޮސް ސްޓޭޝަންގެ ތެރެއަށް ވައްދައިފިއެވެ. ނާޝިދުމެން ސްޓޭޝަންގެ ވެއިޓިންގް އޭރިޔާއަށް ވަތްވަގުތު އެތަނުގައިތިބި ރިޔާޒާއި ޝީރީން ފެނި އެމީހުންނަށް ވީގޮތް ރޭކައިލިއެވެ.
"ކިހާ އިރެކޭ ބުނީ؟" ނާޝިދު އަހައިލިއެވެ.
"ކަސްޓަޑީގަ ސައުވީސް ގަޑިއިރޭ ބުނީ.. މި ބަލަނީ ދެތިން ގަޑިއިރު މަޑުކޮށްލާފަ ދެވޭތޯ. މައްސަލައަކީ އެމީހާ އަދިވެސް މާ ހާޅުދެރަކޮށް އުޅޭތީ" ރިޔާޒް ޖަވާބުދިނެވެ.
"ހޮސްޕިޓަލުން ކީކޭ ބުނީ؟" އެންމެންވެސް ތިބީ ނާޝިދުކުރި ސުވާލުގެ ޖަވާބު އެނގެން ބޭނުންވެފައެވެ.
"ދިރިހުންނާނެކަމުގެ ކުޑަ އުއްމީދެއް އެބައޮތޭ ބުނީ" ރިޔާޒްގެ ޖަވާބާއެކު ވާފިޔާއާއި ޝައިނާ ހަމްދުކިޔެވެ. ރިއާން ގާތިލަކަށް ވެއްޖެނަމަ އެކަމުން ޒީވާއަށް ކުރާނެ އަސަރު އެމީހުންނަށް ބުނެދޭކަށްވެސް ނޭނގެއެވެ.
"ނާޝިދު.. ވާފިޔާ.. އަހަރެންނަށް ވަރަށްބޮޑަށް މަޢާފުކުރޭ" ރިޔާޒް ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު މަޑުމަޑުން ބުނެލިއެވެ.
"އަހަރެންނަށް އެނގޭ ރިއާންގެ މައްސަލަތަކެއް ހުރިކަން.. އަހަރެންނަށް ރިއާންއާ ދޭތެރޭ އަޅާލުން ކުޑަކުރެވުނީ މާ ބޮޑަށް.. ރިއާންގެ ރުޅިއަކީ ވަރަށް ފާޑެއްގެ އެއްޗެއް.. އެކަން އެނގިހުރެ ޒީވާއާއި ރިއާންގެ ކައިވެންޏަށް އެއްބަސްވީ. މިފަދަ ކަމެއް ވެދާނެކަމަށް އަހަރެންނަށް ވިސްނުނު. އެކަމަކު ޒީވާއާދޭތެރޭ ވިސްނައެއް ނުލެވުނު.. ރިއާންއަށް ހެޔޮގޮތް އެދޭތީ.. ޒީވާ ކަހަލަ ރަނގަޅު ހެޔޮލަފާ އަނތްބަކު ހޯދައިދީފިނަމަ ރިއާން ކޮންޓްރޯލް ކުރެވިދާނެކަމަށް ވިސްނި އަމިއްލައެދުން އިސްކުރެވުނީ.. އެކަމަކު ބަދަލުގައި ޒީވާއަށް މިލިބުނީ ކިހާބޮޑު ދެރައެއް" ރިޔާޒް ހުރީ ހަގީގަތުގައިވެސް މާޔޫސްވެފައެވެ.
"ރިޔާޒް އެއްގޮތަކަށްވެސް ތިހެން ނުބުނޭ.. އިރާދަކުރެއްވިއްޔާ އަހަރުމެންގެ ޒީވާހުރީ ވަރަށް އުފަލުން.. މިކަހަލަ ކުދި ކުދި ކަންކަން ދިމާވާނެ.. ދޯ ވާފިޔާ" ނާޝިދުގެ ވާހަކައަށް ވާފިޔާ ހަމައެކަނި ބޯ ޖަހަައިލަމުން ފުއްދައިލީއެވެ. އޭނާހަދިޔާކޮށްލި ހިނިތުންވުމުގައި އެއްވެސް އަސަރެއްނެތެވެ.
"ނޫނޭ.. ރިޔާޒް އެބުނީ ވަރަށްބޮޑު ތެދެއް. ރިއާން އެމީހަކާ ޖެހިފައި އޮތީ ކޮންމެ މައްސަލައަކަށް ވިޔަސް މިކަހަލަ ގޮތަކަށް ކަންކަން ނިންމަން ޖެހޭނެ ސަބަބެއް ނޯންނާނެ.. އަހަރުމެން މިކަމާ ވަރަށް ހިތާމަކޮށް ލަދުވެތިވަން.. ޒީވާ ފަކީރަށް އެނގުނީމަ ވާނެ ގޮތެއްވެސް ނޭނގެ. ރިޔާޒަށްވެސް ދަރިފުޅާމެދު މާބޮޑަށް އިހުމާލްވެވުނީމަ މިކަހަލަ ކަންކަން މި ވަނީ." ޝީރީން ފުންނޭވާއެއް ދޫކޮށްލިއެވެ.
އެވަގުތު އެތަނުގައި ހުރި ބޮޑު ބިއްލޫރިގަނޑުގެ ބޭރުން ސްޓޭޝަންގެ ދޮރުމައްޗަށް ހުއްޓައިލި ހުދުކުލައިގެ ކާރު އެންމެންގެ ލޮލުގައި އަޅައިގަތެވެ. ކަނޑުނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ކާރުން ފޭބި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ސިރާޖު ފެނި ރިޔާޒަށްވެސް ލިބުނީ ހައިރާންކަމެކެވެ. ސިރާޖު އެތަނަށް އަންނަކަން އެއީ އޭނާއަށްވެސް ލިބިފައިވާ މައުލޫމާތެއް ނޫނެވެ.
ސިރާޖް ސްޓޭޝަންގެ ތެރެއަށް ވަދެގެން އައި އިރު ރިޔާޒް އިންތަންފެނި އަދަބުވެރިކަމާއެކު ބޯ ޖަހައިލިއެވެ. ރިޔާޒްގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. އޭނާއަށްވުރެން ނުފޫޒުގަދަ ބާރުހުރި މީހަކަށް ރިއާން ވާނެކަމީ މީގެ އަށްއަހަރު ކުރީއްސުރެވެސް ރިއާން އޭނާއަށް ދެމުންދާ އިންޒާރެކެވެ. ނަމަވެސް މިއަދު ރިއާން އެކަން ކާމިޔާބުކޮށްފިކަން ޔަގީންވި ހިނދު އޭނާގެ ހިތުގައި އުފެދުނީ ހަސަދައާއި ރުޅިވެރިކަމެއް ނޫނެވެ. ރިއާންއަށްޓަކައި އޭނާ ފަހުރުވެރިވިއެވެ.
*******************
ކޮންކްރީޓް ފާރުތަކުން ވަށައިލެވިފައިވާ ހަތަރެސްކަން ގޮޅީގެ ތެރޭގައި ރިއާން ދެކޮޅަށް ހިނގައިލަ ހިނގައިލައި ހުރި އިރު ރިއާންގެ ކަތުރުކަށިގަނޑަށްވަނީ ބާރުކޮށްލެވިފައެވެ. ޔަގީނާ ގާތަށް ސަލާމަތްވާނެ ކަމުގެ އުއްމީދު އޮތުމާއެކު އަނގައިން ބަހެއް ނުބުނެވޭތޯ ކެތްކުރަމުންދިޔައެވެ. ނަމަވެސް ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު ޒީވާއާމެދު އޭނާގެ ހިތުގައި އުފެދެމުންއައި ކަންބޮޑުވުން އިތުރުވެ އޭނާގެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ. އޭނާގެ ނަޒަރު ހުއްޓުނީ ބޭރު ފެންނަ ފަދައިން ދަގަނޑު ތޭރިތަށް ޖަހައިފައިވާ އެ ކުޑަ ކޮޓަރީގެ ދޮރުފަތަށެވެ. އެއީ އެ ކޮޓަރިގަނޑުގެ ބޭރުގައިވާ ދުނިޔެ އެ ކުޑަދޮރެއް ފެންލައިޓެއް ނެތް ކޮޓަރިއާ ގުޅުވައިދޭ ހަމައެކަނި ގޮތެވެ.
ރިއާން ރުޅިއައިސްފައި ހުރެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ފައިގެ ހުރިބާރެއް ލައިފައި އެ ދޮރުފަތުގައި ޖެހިއެވެ. އެއަޑު މުޅި ސްޓޭޝަންގެ ތެރެއަށް ގުގުމައިލި ނަމަވެސް އެތަނުގައި ތިބި އެއްވެސް ފުލުސް އޮފިސަރަކަށް އެކަމުން ސިހުމެއް ނުލިބުނެވެ. އެފަދަ އަޑުތަކަށް އެމީހުން މިހާރު ހޭނިފައިވާ ކަހަލައެވެ.
"ކޮބާ އޭނަ؟ ކޮބާހޭ އޭނަ؟" ރިއާން ދޮރުފަތުގެ ތޭރިތަކުގައި ހިފައި ތަޅުވައިގަންނަމުން ހަޅޭއްލަވައިގަތެވެ. އެތަނުގައި ތިބި މީހުންނަށް ރިއާން އެ ދައްކަނީ ސިރާޖުގެ ވާހަކަކަން އެނގުނެއްކަމަކު އެންމެވެސް އެ ސުވާލަށް ރައްދުނުދީ އިސްޖަހައިލައިގެން ތިއްބެވެ.
"ޔޫސްލެސް ޕިޓީ ޕީސަސް އޮފް ޝި*ސް" ރިއާން ބާރަށް އެއްއަތުން ދޮރުފަތުގައި ޖެހުމަށްފަހު އަނެއްކާވެސް ފަހަތައް އެނބުރުނެވެ.
"ރިއާން!" މިފަހަރު އިވުނީ ސިރާޖުގެ އަޑެވެ.
ރިއާން ފަހަތައް އެނބުރުނުއިރު ސިރާޖު ލަސްފިޔަވަޅުތަކެއްގައި އައިސް ދޮރުގެ ކުރިމަތީގައި ހުއްޓިލަނީއެވެ. އޭނާގެ އިޝާރާތަށް އެތަނުގައި ދެންތިބި ހުރިހާ ފުލުހުން ނުކުމެ މުޅިތަން ހުސްވެއްޖެއެވެ.
"އަދި ކިތައް ގަޑިއިރު؟ ސިރާޖަށް ވަނީ ކޮންކަމެއް؟ އަހަރެން މިތަނުން ނެރެވެސް ނުދެވެނީތަ؟ ލަސްވެއޭ މަށަށް!! އައި ހޭވް އަ ފަ*** ވައިފް އެޓް ހޯމް!!" ރިއާންގެ ބަހުރުވަ ހުރިގޮތުންވެސް ސިރާޖަށް ރިއާން ރުޅިއައިސްފައި ވާވަރު އަންދާޒާ ކޮށްލެވުނެވެ.
"އެގޮތަން ކަންތައް ކުރުމުގެ ކުރިން ރިއާން ތި ބުނި ޖުމްލައާމެދު ވިސްނާލިންތަ؟ އަނތްބަކު ހުރިކަން ހަނދާނުގަ ހުރިތަ؟ ކީކޭ ހިތަށް އަރައިގެންކުރި ކަމެއް އެއީ؟ އަހަރެން ނުބުނަންތަ ފައިސަލްއާމެދު ރަނގަޅު ގޮތެއް ހަދައިދޭނަމޭ" ސިރާޖު ހުރީ ހަގީގަތުގައިވެސް ރިއާން ކުރި ކަންތަކާމެދު ހިތްހަމަ ނުޖެހިފައެވެ.
"ސިރާޖު ބޭނުންވާ ވަރަށް ވަގުތު ދެވޭކަށް އަހަރެންނަކަށް ނެތޭ. އަވަހަށް އެކަން ކޮޅެއްގަ ޖައްސާދީ. އެކަމަކު ފުރަތަމަ އަހަރެން މިތަނުން ނެރޭ!!" ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހެން މަސައްކަތްކުރިއެވެ. އައިސްފައިހުރި ރުޅީގެ ސަބަބުން އޭނާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. ސިކުނޑީގެ އެއްދިމާލަކުން ބާރު ބާރަށް ވިންދު ޖަހަންފަށައިފިއެވެ.
"ހަތަރު ގަޑިއިރު" ސިރާޖުގެ ލަފްޒުތައް ދޭހަކުރަން ނޭނގިފައިހުރެ ރިއާން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
"މިބުނީ އަދި މަދުވެގެން ހަތަރު ގަޑިއިރު ރިއާން މިތަނުގަ ހުންނަން ޖެހޭނެއޭ.. އެއަށްފަހު ޑޮކްޓަރުން ފައިސަލްއާމެދު ބުނާ އެއްޗަކުން އަހަރެންނަށް ރިއާން ދޫކޮށްލެވެން އޮތީ.. ފައިސަލްގެ ފުރާނަ ދޫވެއްޖެނަމަ ރިއާންއަށް މަރުގެ ދައުވާ އުފުލާނެ. އޭރުން އަހަރެންނަކަށްވެސް ރިއާންއަށް އެހީއެއް ނުވެވޭނެ. އެކަން ރިއާންއަށްވެސް އެނގެއެއްނު. އެނގޭ ރިއާންއަށް ކޯޓުންވެސް މޮޅުވެވިދާނެކަން.. އެކަމަކު ރިއާންގެ ނަފްސަށް އެކަމުން ހަމަޖެހުމެއް ލިބޭނެތަ؟ ރިއާން ތިކުރި ކަންތަކުގެ ސަބަބުން ފައިސަލް މަރުވެއްޖެނަމަ ޒީވާއަށް ރިއާންއާއެކު އުޅެން ކެރޭނެތަ؟ އެނގިހުރެ އަމިއްލާ ނަމާއި އިއްޒަތާއި އަބުރު އަދި ދިރިއުޅުން ވެއްޔަށް ވެދާނެފަދަ ރިސްކެއްނަގަން ރިއާންއަށް ކެރުނީ ކިހިނެއް؟؟ އަހަރެންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ"
ސިރާޖު އެތަނުން ނުކުމެގެންދިޔައީ ރިއާން އެތަށްހާސް ފިކުރެއްގެ ތެރެއަށް ދޫކޮށްލުމަށްފަހުގައެވެ. އެތަނުގައި ކުރިން ތިބި މުވައްޒަފުން ވަދެގެން އައި އިރުވެސް ރިއާންއަށް އެ ކުޑަ ކޮޓަރީގެ މެދުގައި ބަހައްޓައިފައިހުރި ގޮނޑީގައި ފިކުރުކުރަން އިނދެވުނެވެ.
*********************
ސިޓިންގްރޫމްގެ ސޯފާގައި އޮއްވާ ނިދިޖެހެމުންދިޔަ ރާހިލް ސިއްސައިގެންދިޔައީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. ޒީވާ ފެނުމާއެކު އަވަސްއަވަހާ ތެދުވެ ގޮނޑީގައި ހަމަޖެހިލިއެވެ.
"ކޮބާ ރިއާން؟" ޒީވާ އާދައިގެ ރާގެއްގައި އަހައިލިއެވެ. އޭނާގެ މޫނުމަތިންވެސް އެރޭ ހިނގި ކަންތައް ހަނދާން ނައްތާލަން މަސައްކަތް ކުރާކަމަށް ހެކިދެއެވެ.
"ނޭނގެ. ޒީ ނިދިފަހުން އެބަ އަންނަމޭ ކިޔާފަ ދިޔައީ. ހިނގާބަ ގުޅާލަން"
ރާހިލް ގޮނޑީގެ ކުރިއަށް ޖެހިލައި ކޮފީމޭޒު މަތީގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ތަލައަށް އެރިއެވެ. އެލީޝާއަދި ޝައިނާގެ ދިހަ މިސްޑް ކޯލު އޭނާއަށް ލިބިފައި އޮތެވެ. ރާހިލް އެންމެ ފުރަތަމަވެސް ހުޅުވައިލީ ޝައިނާ އޭނާއަށް ކޮށްފައިވާ އައިމެސެޖެވެ. އެއާއެކު އޭނާއަށް އިންގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގެއެވެ.
"ލެޓްސް ގޯ ޒީ.." ކައިރީގައި ހުރި ޒީވާއަށް ބަަލައިލުމެއްނެތި ރާހިލް ކާރުގެ ތަޅުދަނޑި ހިފައިގެން ދޮރާދިމާލަށް ހިނގައިގަތެވެ.
"އެކަމަކު ކޮންތާކަށް" ޒީވާއަށްވާނުވާ ނޭނގިފައިހުރެ ރާހިލްގެ ފަހަތުން އައެވެ.
"ސުވާލުތައް ފަހަށް ބަހައްޓާ.. ވީ ނީޑް ޓު ލީވް!"
*******************
ރާހިލްއާއި ޒީވާ އެކުއެކީގައި ސްޓޭޝަނަށް ވަދެގެން އައި މަންޒަރުފެނި އެންމެ ފުރަތަމަ އެދިމާލަށް ހިނގައިގަތީ ޝައިނާއެވެ. ރާހިލް ލޮލުން ކޮށްލި އިޝާރާތާއެކު ޒީވާއަކަށް އަދި ވެގެންއުޅޭ އެއްވެސް ކަމެއް ނޭނގޭކަން ޝައިނާއަށް ރޭކައިލިއެވެ.
"ތިދެމީހުން އެކަކު އަނެކަކަށް ބަލާފަ ލޯ އެޅިޔަކަސް އަހަރެންނަކަށް ވެގެންއުޅޭ ގޮތެއް ނޭނގޭނެޔޭ.. ކޮންމެވެސް އެކަކު ކިޔާދޭން ވެއްޖެއެއްނު! ކީއްކުރަންތަ މިތަނަށް ގެނައީ؟" ޒީވާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.
"ޒީ. އާދެބަލަ" ޝައިނާ ޒީވާގެ އަތުގައި ހިފައި އެއްފަރާތަކަށް ޖެހިލުމާއެކު ރާހިލް އެތަނުން ދުރަށް ހިނގައިގަތެވެ.
"ޒީ.. ޒީ ރިއާންދެކެ ލޯބިވެއެއްނު ދޯ؟ ރިއާންއާއެކު އުޅެން ބޭނުމެއްނު" ޝައިނާގެ ސުވާލާއެކު ޒީވާގެ ބުމަ ގޮށްޖެހުނެވެ. އޭނާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.
"ޒީއަށް އެނގެއެއްނު ޒީގެ ލައިފްއާ ރިއާންގެ ލައިފް ހާސްބައި ތަފާތުކަން.. ރިއާން ކަހަލަ މީހެއްގެ ވައިފްއަށް ވެވޭނީ ޒީއަކީ ވަރަށް ހިތްވަރުގަދަ މީހަކަށް ވެގެން. މި ނޫނަސް.. ވިޔަފާރީގެ ތެރެއިންވެސް.. ކިތަންމެކަމެއްގަ.. ކިތަންމެ ފަހަރަކު ރިއާން މިގޮތަށް ތަންތަނަށް ހާޒިރުކުރެވިދާނެ. ޒީ ޖެހޭނެ ވަރަށް ކެތްތެރިވާން!" ޝައިނާ ޒީވާގެ އަތުގައި ހިފަހައްޓައިލިއެވެ.
"ކީކޭތަ ތި ކިޔަނީ؟ ރިއާން ހާޒިރުކުރީ ކޮންކަމަކުތަ؟" ޒީވާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.
"ޒީ.. މިއަދު ފައިސަލްއާ ދިމާވިތަ؟" ޝައިނާ ބަދަލުގައި އަހައިލީ ސުވާލެކެވެ.
"އާން.. އެއްކަލަ ފަހަރު ދޮންބެ ހޯދަން ތިރިއަށް ފޭބީމެއްނު؟ އެގަޑީގަ އަހަރެންނަށް އިވުނީ…." ޒީވާ އޭނާއަށް އިވުނުގޮތަށް ރާހިލްއާއި ރިއާންގެ ދެމެދުގައި ދެކެވިދިޔަ ވާހަކައިން ފެށިގެން ގެއާ ހިސާބަށް އަންނަންދެން ވީ ހުރިހައި ކަމެއް ކިޔައިދިނެވެ.
"ކީކޭ؟ ޒީއަށް އެހެން ހެދީ ފައިސަލްތަ؟ އެހެންވެތަ ރިއާން؟" ޝައިނާއަށް ހުރިހާ ކަމެއް ފަހުމުވާން ފެށިއެވެ.
"ރިއާން ކީއްތަ ކުރީ؟" ޒީވާ ޝައިނާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
"ޒީ.. ފައިސަލްވީ ހޮސްޕިޓަލުގަ. ރިއާންގެ ކާރުން…." ޝައިނާ އޭނާއަށް އެނގިފައިވާ މިންވަރަކުން ކަން ހިނގައިދިޔަ ގޮތް ކިޔައިދިން އިރު ޒީވާއަށް ހުރެވުނީ ހައިރާންވެފައެވެ. އޭނާގެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލައެވެ. ޝައިނާ އެންމެ ފުރަތަމަ ދެއްކި ވާހަކައިން އޭނާއަށް ހިތްވަރު ލިބިފައިވާ ކަހަލައެވެ.
"ކޮންއިރަކުން ދޫކޮށްލާނީ؟" ޒީވާ އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަހަައިލިއެވެ.
"ނޭނގެ. ރިޔާޒް ސަރ ބުނީ އަދި އިރުކޮޅެއް ވާނޭ" ޒީވާއާއެކު ވާފިޔާމެން ތިބި ދިމާލަށް ހިނގައިގަންނަމުން ޝައިނާ ބުންޏެވެ.
*********************
ގަޑިތަކުން ފަތިހު 4 ޖަހަނީއެވެ. ރިއާން ބަންދުކުރެވުނުތާ ހަތަރު ގަޑިއިރު ފާއިތުވެއްޖެއެވެ. ޒީވާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ސްޓޭޝަންގެ އޮފީސް ވެއިޓިންގް އޭރިޔާއާ ވަކިކޮށްދޭ ދޮރާ ވަތްކެއްނުވެއެވެ. އޭނާގެ ދެފަރާތުގައި ޝައިނާއާއި ވާފިޔާ އިށީނދެ ތިބިއިރު އިސްޖަހައިލައިގެން އިން ޝައިނާގެ ނަޒަރު ހުއްޓިފައިވަނީ ފޯނަށެވެ. އޭނާ އެއްވެސް ވަރަކަށް އިސް އުފުލައިލައި ކުރިއަށް ބަލައިލަން ބޭނުން ނުވާ ކަހަލައެވެ. ވަރުބަލިކަމުގެ ސަބަބުން ރާހިލްގެ ކޮނޑުގައި ބޯއަޅައިލައިގެން ނިދިފައި އޮތް އެލީޝާގެ ގައިގައި މާބޮޑު ވިސްނުމަކާނުލައި ރާހިލްގެ އެއްއަތް ވަށައިލައިގެން އިން އިރު އެމަންޒަރުން ޝައިނާގެ ހިތަށް އިންތިހާއަށް އުނދަގޫވަމުންދިޔައެވެ. އެލީޝާއިން ހާލު އެނގިހުރެ އެކަން ބޮޑުކަމަކަށް ހަދަން ބޭނުން ނުވިނަމަވެސް އެއީ އޭނާ މާ ގަޔާވާ ކަމަކަށްނުވިއެވެ.
"މަންމާ.. އެލީ ގޮވައިގެން ގެއަށް ދަންތަ؟" އިޝްވާ އެރޭގެ ދެވަނަ ފަހަރަށް ވާފިޔާގާތުން އަހައިލިއެވެ. އެލީޝާ އުޅޭގޮތުން ޝައިނާއަށް ކުރާނެ އަސަރު އެނގޭނެ ހަމައެކަނި މީހަކަށް އެތަނުގައި ހުރީ އޭނާއެވެ.
"ދެން މަޑުކޮށްލަބަ ދަރިފުޅާ.. އިރުކޮޅަކުން ރިއާންބެ ދޫކޮށްލާނެއްނު" ވާފިޔާ ހަމަހިލާ އެއްބަހެއްނުވިއެވެ. އިޝްވާ ފާޑަކަށް ތުން އަނބުރައިލައިފައިގޮސް އަނެއްކާވެސް ޝައިނާގާތު އިށީނެވެ.
މާގިނައިރެއްނުވެ އޮފީހުގެ ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ނުކުތް ރިއާން ޒީވާގެ ލޮލުގައި އަޅައިގަތެވެ. އޭނާއަށް ކުއްލިއަކަށް އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ. ރާހިލްވެސް ރިއާން ފެނުމާއެކު އެލީޝާއަށް ގޮވައި ހޭލެއްވުމަށްފަހު އެލީޝާގެ ގައިން ދޫކޮށްލަމުން ތެދުވިއެވެ.
ރިއާންގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. އޭނާއަށް ކަމެއް ހިނގިކަންވެސް ހީނުވާ ކަހަލައެވެ. ސޯޓުގެ ދެޖީބަށް އަތްޖަހައިލައިގެން ހުރެ ލަސްފިޔަވަޅުތަކެއްގައި އައިސް ޒީވާގެ ގާތަށް ހުއްޓިލިއެވެ. އެވަގުތު ރިއާންގެ ފަހަތުން ސިރާޖު އައިސް ރިއާންގެ ކޮނޑުގައި އަތްޖަހައިލިއެވެ.
"ކޮބާ.. ހަމަ ކިރިޔާ އެނގޭ މިފަހަރު ތި ސަލާމަތްވީ!" ސިރާޖު ސަމާސާ ރާގެއްގައި ބުނެލިއެވެ. އަދި ރިއާންގެ އިތުރުން ޒީވާއާ ސަލާންކޮށްލުމަށްފަހު އަވަސްފިޔަވަޅުތަކެއްގައި އެތަނުން ދިޔައެވެ.
"އާދޭ ޝީރީން. ރިއާން.. އާދޭ ޒީވާ ގޮވައިގެން.." ރިޔާޒް އެތަނުން ދާން ހިނގާށޭ ބުނާ ފަދައަކުން ރިއާންއާއި ޝީރީނަށް ގޮވައިލިއެވެ. ފައިރޫޒާއެކު އެ ހަތަރުމީހުން ކާރުގައި ނައްޓައިލިތަން ބަަލަން ހުރުމަށްފަހު ނާޝިދުގެ އާއިލާވެސް ސްޓޭޝަނުން ނުކުތުމަށް ހިނގައިގަތެވެ.
"މަންމާ.. ކޮބާ ރާހިލް؟" ކާރު ޕާކު ކޮށްފައި އޮތް ހިސާބަށް އާދެވުނު ފަހުން އެލީޝާގެ ސަމާލުކަމަށް އެތަނުގައި ރާހިލް ނެތްކަންއައެވެ. ރާހިލް އެކަންޏެއް ނޫނެވެ. ޝައިނާވެސް ނެތެވެ.
"ދަރިފުޅުމެން ކާރަށް އަރާ.. މަންމަ އެބަ އަންނަން" އެލީޝާއާއި އިޝްވާ ކާރަށް އެރުވުމަށްފަހު ވާފިޔާ އަލުން ސްޓޭޝަންގޭ ތެރެއަށް ވަނެވެ.
ވާފިޔާއަށް ދެވުނުއިރު ރާހިލްއާއި ޝައިނާގެ އެއްވެސް ނިޝާނެއް ސްޓޭޝަނަކުން ފެންނާކަށް ނެތެވެ. ވާފިޔާ ނުކުމެ ކާރާ ދިމާލަށް ހިނގައިގަތުމުގެ ބަދަލުގައި ނިންމީ އެދެކުދިން ފެނޭތޯ ސްޓޭޝަންގެ ވަށައިގެން ހޯދައިލުމަށެވެ. ސްޓޭޝަންގެ ފުރަގަހުގައި ޕާކުކޮށްފައިވާ ސައިކަލުތަކާ އަރައި ހަމަވި ވަގުތު އިވުނު ރާހިލްގެ އަޑަށް ވާފިޔާގެ ސަމާލުކަން ދެވުނެވެ.
"ޝައިނާ އެހާ ކަންބޮޑުވަނީ ކީއްވެތަ؟ ކުރިއަށްދެން އޮތީ އަހަރުމެން އުފަލުގަ ހޭދަކުރާނެ ދުވަސްތައް.. މިތާ ރީތިކޮށް ހުރެބަލަ.. ކީއްވެތަ ދުރަށް ތި ދަނީ؟ ހެނދުނު ފްލައިޓް އެބައޮތް.. ދެން އަނެއްކާ ދިމާވާނީ ހަފްތާއެއްފަހުން. އަހަރެން މިސްވާނެވަރު ނޭނގެނީތަ؟"
ސައިކަލެއް މަތީގައި އިށީނދެ އިން ރާހިލް އޭނާއާ ގާތަށް ޝައިނާ ދަމައިލަމުން ބުންޏެވެ. އެއްބަސްވެވިފައިވާ ގޮތުގެ މަތިން އޮފީސް ދަތުރަށްފަހު ރާހިލްގެ އެމަރޖެންސީ ޗުއްޓީ ހަމަޖެހުނުހާ އަވަހަކަށް އެލީޝާ ގޮވައިގެން ރަޝިޔާއަށް ފުރުމުގެ ތައްޔާރީތައް ވާންފެށިއެވެ. ވުމާއެކު ރާހިލްއަށް ޝައިނާއާ އެކުގައި ހޭދަކޮށްލަން މާގިނަ ވަގުތުތަކެއް ނުލިބުނީތީ އޭނާ ހުރީ އަދިވެސް ހިތް ނުފުރިފައެވެ.
"ދެން ރާހިލް… ބަލަ މީހަކަށް ފެނި…. ދައްތާ؟" ކުއްލިއަކަށް ޝައިނާ ބިރެއްފެނުނު ފަދައިން ރާހިލްގެ އަތުތެރެއިން ވީއްލިގަންނަމުން ދުރަށް ޖެހިލިއެވެ.
ރާހިލް ފަސްއެނބުރި ބަލައިލީ ޝައިނާ މާވަރަކަށް ސިއްސައިގެންދިޔަ ސަބަބެއް ހޯދުމަށެވެ. އޭރު އެމީހުންނާ ހައެއްކަ ފިޔަވަޅު ދުރުގައި މަޑުކޮށްލައިގެންހުރި ވާފިޔާފެނި ރާހިލްއަށް ހީވީ މީހަކު އޭނާގެ މެއަށް ފިނިފެން އެއްޗެއް އޮއްސައިލިހެނެވެ. ތެޅިގެންފައި އޭނާ އިށީނދެއިން ސައިކަލު މަތިން ތެދުވެވުނެވެ. ހައިރާންކަމުން ބޮޑުވެފައިވާ ވާފިޔާގެ ދެލޮލޔން އެކަނިވެސް އޭނާއަށް ދެންމެ އެތަނުގައި ހިނގައިދިޔަ ހުރިހާކަމެއް ފެނި އިވިފައިވާކަމަށް ހެކިދެއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ވަރަށް ރީތިމިބައިވެސް އެކަމް ތަންކޮޅެއް އަވަހަށް
ޖެހިގެންއިންނަ ބައިގެނެސްދީބަލަ މިހާރުބައެއް ނޫސްތަކުން
ވާހަކަ ކިޔާލަންލިބުނަސް މިވާހަކަޔަކީ އަހަރެންގެ ފޭވަރިޓު
އެންމެކިޔާހިތްވާ ވާހަކަ .
ރީތި މިބައިވެސް. ރަގަނޅު ފެނުންކަން. ކޮންމެ ގޮތެއް ވިޔަސް މިހާރު އެންމެނަށް އިނގެންވެއްޖެ ޝައިނާއަކީވެސް ރަހިލްގެ އަނތްބެއްކަން. ޒީ.. އެސޮރު މައިތިރި ކޮއްބަލަ. ހާދަ ރުޅިއެކޭ އެހުންނަނީ އެސޮރުގެ….