ރައީސުލްޖުމްހޫރިއްޔާ، ތ. ވަންދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ކޮޅުމަޑުލު ވަންދޫ ފެނަކަ އޮފީސް އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުންވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށް އައިސްޕްލާންޓްގެ ޚިދުމަތް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، އެތަނުގައި ހުރި އިތުރު ގޮންޖެހުންތަކާއި، ކުޅިވަރު ކުޅުމަށް ޒުވާނުންނަށް ބޭނުންވާ ކަންތައްތަކާއި، ޞިއްޙީ މަރުކަޒުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޕާކެއް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އުސޫލުގެ ތެރެއިން އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ތިންދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު