ރައްޔިތުންގެ ތާޢީދާއެކު ތ. އަތޮޅުން 4 ގޮނޑި ޕީޕީއެމް ޕީއެންސީއަށް ހޯދައިދޭން: ރިޔާޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއަށް ހަތަރު ގޮނޑި ހޯދަވައިދެއްވާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކިނބިދޫގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ އެ އަތޮޅު ރައީސްގެ ރާޑަރުގައި ބަހައްޓައިގެން އިޤްތިޞާދީ އެޖެންޑާ ހާސިލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސަށް ލިބިގެން ކަމަށާއި، ތަރައްގީ ގެނައުމަށް މަޖިލީހުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކާއި ސަރުކާރަށް ގާނޫނީ ގޮތުން ބޮޑެތި ބަދަލުތައް ގެނެވޭނީ ވެސް ބޮޑު މެޖޯރިޓީއެއް އޮވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާ ހިސާބަށް އައި އިރު ތ. އަތޮޅު ރާޑަރަށް ނާރައި އޮތް ސަބަބާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި ތަރައްގީ ގެނައުމަށްޓަކައި ރައީސް މުއިއްޒުގެ ފަހަތްޕުޅަށް ހުރިހާ ފިކުރެއްގެ މީހުން މި ފަހަރު އަރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ރައީސަށް ޔަގީންކަން އަރުވަން ﷲ ގެ ވާގިފުޅާއި ރައްޔިތުންގެ ތާއީދާ އެކު ކޮޅުމަޑުލުގެ ހަތަރު ގޮނޑި ރައީސަށް އަރުވާނަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ މަސައްކަތް ހުއްޓާލައްވާނީ ރަން ވަނައަކާ އެކު ކަމަށެވެ.

ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކިނބިދޫގެ ރައްޔިތުން އެންމެ އިސްކަންދޭ ކަމަކީ ކިނބިދޫއާ ވޭމަންޑޫ ގުޅާލުންކަމުގައިވާތީ ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެމަސައްކަތަށް ކަމުގައެވެ. މީގެ އިތުރުން ތ. އަތޮޅު މަޑިފުށްޓާ ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލަން ނިންމާފައިވާތީ ކޮޅުމަޑުލުގައި ޖުމްލަ ދެ ކޯޒް އެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ މުހިންމީ އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުން ކަމުގައެވެ. އެގޮތުން އިޤްތިޞާދު ފުޅާކޮށް އާމްދަނީ އިތުރުކުރަމުން އަދި ތަރައްޤީގެ މަޝްރޫޢުތައް ތަރުބީކުރަމުން ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް އެބޭނުންވާގޮތަށް ހާޞިލްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީ މާނަހުރި ގޮތެއްގައި ގެނެވޭނީ މިހާރު ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވިގެންކަމުގައެވެ. އަދި އެކަމުން އަރައިގަތުމަށާ އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ. އެގޮތުން ކައުންސިލުތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިޔަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުތައް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ