މަޖިލިސް އިންތިޚާބަށް ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާނީ ސްރީލަންކާއާއި މެލޭޝިޔާގައި

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ޢަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ އެންމެ ދެ ޤައުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރީއަށް ހުޅުވާމީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އިއްޔެ ހަވީރަށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ ސްރީ ލަންކާއާއި މެލޭޝިޔާގައި ވޯޓުލުމަށެވެ. ބޭރު ޤައުމެއްގައި ވޯޓު ފޮށްޓެއް ބަހައްޓާނަމަ މަދުވެގެން އެ ޤައުމެއްގައި 150 މީހުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 13،378 މީހުން ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދީފައި ވަނީ 11،919 މީހުން ކަމަށެވެ. އަދި 1459 ހުށަހެޅުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތު އިތުރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނަމަވެސް މަޖިލިސް އިންތިޚާބު ރަމަޟާން މަހަށްފަހު ބާއްވާނަމަ އިތުރު ފުރުސަތެއް ދޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ. އެ ދުވަހަކީ ރަމަޟާން މަހުގެ ދުވަހަކާ ދިމާވާތީ އިންތިޚާބު ފަސް ކުރުމަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހެއް ވަނީ ހުށަހަޅައިފައެވެ. އެ އިސްލާހު މިހާރު ވަނީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ. އެ އިޞްލާޙް ފާސްކޮށްފިނަމަ އިންތިޚާބު ބޭއްވޭނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުންނެވެ.

އިލެކްޝަންސުން ވަނީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް ނަން ހުށަހަޅާފައިވަނީ 11 ބޭފުޅުން ކަމަށް ހަބީބު ވިދާޅުވިއެވެ. އެއީ އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި 6 ބޭފުޅުންނާއި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ 3 ބޭފުޅުންނާއި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ދެ ބޭފުޅުންނެވެ. ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން 10 ބޭފުޅެއްގެ ހުށަހެޅުން އިލެކްޝަންސް އިން ވަނީ ބަލައިގެންފައެވެ. އަދި އެއް ބޭފުޅެއްގެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސުން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ފޯމުތައް މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ފުރިހަމަކޮށްފައިވާ ރެކޯޑުތައް ބަލައިގަންނަ ގޮތަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގައިދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން މިހާރު ވަނީ ޕްރައިމަރީ ބާއްވައި ދާއިރާތަކުގެ ޓިކެޓް ހަވާލުކޮށްފައެވެ. އަދި އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ފަރާތުން ވާދަކުރާ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ޓިކެޓް ހަވާލުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *