Saturday, 25 May 2024

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވައިފިއެވެ.

"ދިވެހީންގެރާއްޖެ" މި ޝިޢާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. ތަފާތު އެކި އިންތިޚާބީ ހަރަކާތްތަކުގައި، ދިވެހި ޤައުމުގެ ޙާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވަޢުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިޢުކުރައްވައި އާންމުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. 1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުތައް ވަކީން ފާހަގަކޮށްދެއްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.

މިއީ، ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކާއި، އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކޮށް ޝާއިޢުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހި ޤައުމުގެ އެންމެ މަތީވެރިއަކު، ޤައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގެ ތިރީގައި މިވާ ލިންކުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބައްލަވައިލެއްވުމުގެ އިތުރުން، މުޅި ފޮތް ޕީ.ޑީ.އެފް. ފޯމެޓްގައި ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.
https://presidency.gov.mv/drmuizzu2023

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ މިފޮތް ޗާޕުކޮށް، މި ފެބްރުއަރީ މަހުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *