Thursday, 20 June 2024

ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން އެމްއެންޔޫގެ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް އިމާރާތްކުރަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދޭން ނިންމައިފިއެވެ. އެމްއެންޔޫގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ މެޑިކަލް ސްކޫލާއި، ޓީޗިންގ ހޮސްޕިޓަލުގެ ފަރުމާ ކޮށްފައިވާ ގޮތާއި އިތުރު މަޢުލޫމާތު ހިއްސާކޮށްފައެވެ.

މިކަން ހާމަކުރައްވަމުން އެމްއެންޔޫއިން ވިދާޅުވީ، މެޑިކަލް ސްކޫލް ޤާއިމުކުރާނީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށެވެ. މި ދެ ތަންވެސް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި މި 2 ތަނަށް 5700 އަކަ މީޓަރުގެ ސަރަޙައްދެއް ހުޅުމާލެއިން ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލުގައި މިހާރު 300 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މެޑިކަލް ސުކޫލުގައި ބައިވެރިވާން ބޭނުންވާ އެތައް ކުދިންނެއް ތިބޭކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ ދަރިވަރުންވެސް ހިމޭނޭކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ، މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލްގެ ބިންގާ މި އަހަރުގެ ތެރޭ އަޅާ، ކުރިއަށް އޮތް 2 އަހަރާއި ބައިގެ ތެރޭގައި މަސައްކަތް ނިންމާ ދަރިވަރުންނަށް އެތަނުން ކިޔެވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދިނުމަށް މިހާރު ބޭނުން ކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާއިންވެސް ނުފުދޭކަމަށާއި މިކަން ހައްލުކުރުމަށް މެޑިކަލް ސުކޫލެއް އެޅުމަކީ މުހިންމުކަމެއްކަމަށެވެ. މެޑިކަލް ސުކޫލާއެކު ޤާއިމްވެގެންދާ ޓީޗިން ހޮސްޕިޓަލުން ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަނަށް ތަމްރީންވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

"މާލެ ރީޖަންގެ ހޮސްޕިޓަލުތަކުންނާއި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުން އެހީތެރިވެދެއްވާ އަޅުގަނޑުމެންގެ ދަރިވަރުން އެތަންތަނަށްގޮސް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް. އެހެންނަމަވެސް ދަރިވަރުން އިތުރުވާ ވަރަކަށް މަދުވެފައި މި އޮންނަނީ ޖާގަ ހޮސްޕިޓަލްތަކުން. އެހެންވީމަ ޓީޗިން ހޮސްޕިޓަލަކާއެކު މެޑިކަލް ސުކޫލް އެޅުމުން އަޅުގަނޑުމެންގެ ގިނަ ދަރިވަރުންނަށް އެތަނުންވެސް ޢަމަލީ ތަޖުރިބާ ކުރެވޭނެ" ޝެހެނާޒް ވިދާޅުވިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ޤައުމާއި މުޖުތަމައުގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި،  ތަޢުލީމީ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ދޭ އިސްކަން ޕާކިސްތާނުން އަބަދުވެސް ބަލައިގަންނަކަމަށާއި އެފަދަ ކަންކަމުގައި އެހީތެރިވުމުގައި އެ ޤައުމު ދެމިއޮންނާނެކަމަށެވެ.

"ޕާކިސްތާނުން އަބަދުވެސް ބޭނުންވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމް މިއަށްވުރެ ހަރުދަނާވުން. ޚާއްސަކޮށް ޞިއްޙީ ދާއިރާ ކުރިއަރައިގެން ދިޔުމަކީ އުންމީދެއް. މެޑިކަލް ސުކޫލާއި ޓީޗިން ހޮސްޕިޓަލުން މިކަން ހާސިލް ވެގެން ދާނެކަމަށް އުންމީދު ކުރަން" މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޓަރު، ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ، މެޑިކަލް ސްކޫލް އެންޑް ޓީޗިންގ ހޮސްޕިޓަލަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މިސާލެއް ކަމަށާއި، ދެ އަހަރާއި ބައިގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި 2027 ވަނަ އަހަރު ޚިދުމަތް ދެވޭ ވަރަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ. މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާގޮތަށް އިމާރާތް ކުރާ މި ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު