އެއްކޮޅުތަ؟ އިދިކޮޅުތަ؟

ޤާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މަޖިލީހުގެ ޤަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.

މަޖިލީހުގެ ޤަވާއިދަށް އެ އިސްލާހު ގެނައީ އާ ސަރުކާރާ އެކު މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮއްވައެވެ. ކުރިން ޖުމްލަ މެމްބަރުންގެ އަދަދު ގުނަމުން އައި ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް 58 މެމްބަރުންގެ ވޯޓު ބޭނުންވިޔަސް، އާ އިސްލާހުގެ ދަށުން 54 މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރެވެ އެވެ. އަދި އެމްޑީޕީގައި މިވަގުތު 42 މެމްބަރުން ތިއްބެވިއިރު، ޑިމޮކްރަޓްސްގެ މެމްބަރުންގެ ވޯޓާ އެކު 57 ވޯޓު ހަމަކޮށް، ރައީސް ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ.

އެހެންކަމުން، އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރުމުގެ ފުރުސަތު އޮވެއެވެ. އެ އިސްލާޙް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރުންނެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން ދައުލަތުން އެދުނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ) (އ) އަދި (ވ) ގައި، ”މަޖިލީހުގެ ޖުމްލަ މެންބަރުން މި އިބާރާތަށް ދީފައިވާ މާނަ ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ. އެހެންވެ އެ މާއްދާތައް ބާތިލު ކުރުމަށް ހުށަހެޅީކަމަށް އެ ބަޔާނުގައި ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ މިވަގުތުގެ ރަޢުޔު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި ގަވާއިދަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އޮފީހުން ސުޕްރީމް ކޯޓަށް ވައްދާފައިވާ ދުސްތޫރީ މައްސަލައިގައި މި އަމުރު ނެރުނީ މި މައްސަލައިގައި ގޮތެއް ނުނިމެނީސް ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްނުކޮށްފިނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީއެވެ.

މަޖިލިހުގެ ނިންމުމަށް ބިނާކޮށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ.

"މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެކެވެ." ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުން ނެރުއްވި އެ އަމުރުގައިވެއެވެ.

ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ނިންމިއިރު، ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާންޖެހޭ މައްސަލައެއް މިވަގުތު މަޖިލީހުގައި ނެތުމާއި އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށްވާތީ އެވެ. އަދި އެ މައްސަލަ ބިނާކޮށްފައިވަނީ ހަމައެކަނި ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭގޮތުން އެކަނި ނޫން ކަމަށް އެ ރައުޔުގައިވެއެވެ.

އެ ރައުޔުގައިވާ ގޮތުން ދައުލަތުން ވަގުތީ އަމުރަށް އެދުނީ ކުރިމަތިވެދާނެ ލަފާކުރެވޭ ހާލަތެއްގެ މައްޗަށް ބިނާކޮށެވެ. އެހެންވެ، އެ މައްސަލަ ރައްދުވާ މަޖިލީހުގެ ބަހެއް ނެތި ކޮންމެހެން ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް އެ ރައުޔުގައިވެއެވެ.

"މިއީ މުސްތަގްބަލްގައި ގާނޫނު އަސާސީއާ ހިލާފްވެދާނެ ހާލަތެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭ…" ތަފާތުވި ރައުޔުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވަނީ ކީކޭ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވައި، ރައްޔިތުންނަށް ހިދުމަތް ދެއްވާނަމަ އަޒުލު ކުރުމުގެ އަޑާއި އެކު އެހާ ބޮޑަށް ސިހުން އަންނަން ވީ ކޮން ސަބަބަކާއި ހުރެތޯ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ސުވާލު އުފައްދާފައެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމުގެ އަޑުތަކާއެކު މުޅި ސަރުކާރާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޑިފެންސަށް ފައިބަން ނުޖެހޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އިޚްލާސްތެރި މަސައްކަތެއް ކުރާ ބަޔަކު ސިޔާސީ ގޮތުން އަންނަ އުންޑައަކަށް ޖެހިލުން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭނެ ގޮތުގެ އިޖުރާޢަތްތަކާއި އޭގެ ތަފްސީލުތައް ޤާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި އެއީ ދުލުން ބުނެލަން ފަސޭހަކަމެއް ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ބަލައި ފަސޭހަ މަސައްކަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ކޮންމެހެން ބަޔަކު ހިތަށް އަރާހާ ފަސޭހައިން ކުރެވޭނެކަމެއް ނޫން.. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަންތަކެއް އެބަ ފެންނަން ޖެހޭ. ރައީސް މަގާމަށް ކުފޫ ހަމަ ނުވާ، އެހެން ނޫނީ ހިދުމަތް ދިނުމުގައި އެކަށީގެން ނުވާ ކަންކަން. ރައީސުލްޖުމްހޫރިއްޔާ ދެކޮޅަށް މޯޝަނެއް ފަށަން މިކަންކަން އެބަ ޖެހޭ ހުންނަން. އެކަމާ ހަމަ އެހާ ސިހުން ވާން ޖެހޭތޯ؟ އެއްވެސް މީހަކު ރައީސްގެ މަގާމަށް އަންނަނީ މަގާމުގައި ބަގުޑި ބައްދައި ތިބޭކަށެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބުނަމުން ދާގޮތުގައި، ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދަނީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަކަމާ އެކުގައެވެ. އަދި ރައްޔިތުންގެ ހެވާއި ލާބައަށް ކުރިޔަށް މަޝްރޫއުތަކެއް ރޭވިފައި ހުރި ނަމަ، ނުވަތަ އެ ޕްރޮޖެކްޓެއް ކުރިޔަށް ދާނަމަ އަޒުލު ކުރުމުގެ ބަހާއި ދެކޮޅަށް އެހާ ކަންބޮޑުވާން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މުޅި ސަރުކާރު އޮތް ގޮތަށް ޑިފެންސަށް ފައިބަން ޖެހޭނީ، ގޯސްތަކެއް ވާތީ ނުވަތަ ޚިދުމަތްތައް ނުދެވޭކަން ކޮންމެވެސް މިންވަރަކަށް ޤަބޫލު ކުރެވޭތީ ނޫން ތޯއޭ ވިދާޅުވެ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

އިދިކޮޅު ޕާޓީއަކީ ކޮބައިބާ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައީސް އަޒުލުކުރުމާބެހޭ ވާހަކަދެއްކިއަސް، ރަސްމީ ސިފައެއްގައި އިދިކޮޅު މައި ޕާޓީން ރައީސް އަޒުލުކުރުމާ ބެހޭ މާ ގިނަ ވާހަކަތަކެއް އަދި ނުދައްކައެވެ. ނަމަވެސް ސަރުކާރު ގެނައީ ތިމަން މަނިކުފާނުކަމަށް ވިދާޅުވެ، ރައީސް ޔާމީން ސަރުކާރަށް ބަހުގެ ޙަމަލާތައް ހުއްޓުމެއް ނެތި މި ދެނީ ކީއްވެތޯއެވެ؟ އަދި ރައީސް މުޢިއްޒުގެ ސަރުކާރު އައިތާ 3 މަސް ދުވަސް ނުވެއެވެ. އައު ސަރުކާރުގެ ޅަފަތުގައި ސަރުކާރުގެ ނިޒާމު އެކުލަވާލައި، އިޤްތިޞާދު ކޮޅަށް ޖަހައި، ރާއްޖޭގެ ތަރައްްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށް މުހިއްމު ސިޔާސަތުތަކެއް ރާއްވަވަމުން ގެންދަވާ ދަނޑިވަޅެއްގައި، ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅަކު މި ދައްކަވާ ވާހަކައާ ދޭތެރޭ މާ ބޮޑަށްވެސް ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ. ރައީސް ޔާމީން މިހާރު ހުންނެވީ ޖަލަކު ނޫނެވެ. ރައީސް މުޢިއްޒު ވަޢުދުވެވަވަޑައިގެންނެވި ގޮތަށް މިހާރު ހުންނެވީ ގޭގައެވެ. މިނިވަންކަން އެބައޮތެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވެއެވެ. ކުޅިިވަރު ކުޅުއްވުމުގައި އުޅުއްވައެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ޙުކުމަކީ ރައީސް މުޢިއްޒު އިއްވާ އެއްޗެއް ނޫންކަން ހަމަ ރަނގަޅަށް އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އެމަނިކުފާނަށް މުޅިން މިނިވަންވެވޭނީ ޝަރުޢީ ނިޒާމުގެ ތެރެއިންނެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން ޝަރުޢީ ދާއިރާއަށް އަތް ނުބާނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގައި ސުޕްރީމް ކޯޓުން ނެރުއްވި 1 ފެބުރުވަރީ ޙުކުމަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަންކުރުމަށް 2018 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ޝަރީއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ޝަރީއަތްތަކެއް ކުރިކަމަށް ރައްޔިތުންގެ ޝަކުވާތައް ގިނަވުމުން އަދުލު އިންސާފު ޤާއިމްކުރުމަށް ނެރުނު އަމުރެއްކަމަށް ފަނޑިޔާރު ޢަލީ ހަމީދު ވިދާޅުވި އަޑުވެސް އަޅުގަނޑުމެން އެހީމެވެ.

ރައީސް އަޒުލުކުރުމާ ގުޅޭ ވާހަކަތައް ރައީސް ޔާމީން ދައްކަވާއިރު، 2018 ގެ މަޝްހޫރު 1 ފެބުުރުވަރީގެ ޙުކުމާ ގުޅިގެން ރައީސް ޔާމީންގެ ވެރިކަން ވެއްޓިދާނެތީ، އެމަނިކުފާނު އުޅުއްވި ގޮޔް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި މަޖިލިސް މެންބަރުންތަކެއް ފާރު މަތިން އުކާލި މަންޒަރުތައް ފަނޑުވާހާ ދުވަހެއް ނުވެއެވެ. އެދަނޑިވަޅުގައި ސުޕްރީމް ކޯޓުން ޓިނު ނެގި ވާހަކައަކީވެސް މަޝްހޫރު ވާހަކައެއް ނޫންތޯއެވެ؟

ރައީސް ޔާމީންގެ ރާގު ދަނީ ބަދަލުވަމުންނެވެ. އެއްދުވަހު ވިދާޅުވާ އެއްޗަކާ، އަނެއް ދުވަހު ވިދާޅުވާ އެއްޗަކާ ހާސް ބައި ތަފާތެވެ. އެމަނިކުފާނު ހުންނެވީ ސަރުކާރުގެ ދިފާޢުގައި ކަމަށް އެއް ދުވަހު ވިދާޅުވެދާނެއެވެ. އަނެއް ދުވަހަކު ސަރުކާރާ އިދިކޮޅި ވެދާނެއެވެ. މިސްރާބު ހުރީ ކޮން ދިމާއަކަށް ކަން ނޭނގުނަސް، މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު، އަސްލު އިދިކޮޅު ޕާޓީއެއްގެ ދައުރު މިހާރު އަދާކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން ކަމަށް ބެލެވޭ ހިސާބަށް ކަންކަން ގޮސްފިއެވެ،

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *