އެއީ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އެންމެންނާވެސް ގުޅޭ އިންސާނެކެވެ. ހިތުގައި ހިނގަނީ އަނެކާގެވެސް ޝުޢޫރެވެ. ތިރިވާންޖެހިއްޖެ ތަނެއްގައި ތިރިވާނެއެވެ. އިސްތަށަށްޖަހާލަންޖެހިއްޖެ ތަނެއްގައި އިސްދަށަށް ޖަހާނެއެވެ. އެެއީ ހިތްތިިރިކަމުގެ ނަމޫނާއެވެ. ފުރިހަމަ ޝަޚްސިއްޔަތެއްގެ ސިފަތައް ރަމްޒުކޮށްދެނީ ހިތާއި ގުޅިފައިވާ އަސަރުތަކަކުންނެވެ. މުޙައްމަދު އައްބާސްގެ ކިބައިން ފެނިގެންދާ އިންސާނީ ވަންތަކަމުގެ ސިފައަކީ އަހަރެމެެންގެ ހިތްތައް އޭނާއާ ގުޅުވައިދިން ވިންދެވެ. އެއީ ވަކި ނުވާނޭ ފަދަ ގުޅުމެކެވެ. ސިޔާސީ ކަންކަމަކީ ސިޔާސީ ކުލަތަކެއް އެކުލެވޭ ކަންކަން ނަމަވެސް، އިންސާނެއްގެ ކިބައިން ފެނިގެންދާ އެފަދަ ރަނގަޅު ސިފަތަކަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާ މެންބަރެއްގެ ކިބައިގައި ހުންނަންވާނެ މަތިވެރި ސިފަތަކެކެވެ. މިކަން ބަލައިގަންނަން ބައެއް ފަރާތްތަކަށް ދަތިވި ނަމަވެސް، ޙަޤީޤަތްވާނީ ޙަޤީޤަތަށެވެ. މާދުރުދުރުން ނުދަންނަ ކަމަށް ހެދިގެން އުޅޭ ކެންޑިޑޭޓުންވެސް އެެބައުޅުއްވައެވެ. އައްބާސްއަކީ އެކަކަށްވެސް ބީރައްޓެހި ކެންޑިޑޭޓަކަށް ނުވާނެއެވެ. އަބަދުވެސް ވާހަކަ ދެއްކޭނެއެވެ. ޚިޔާލު ބަދަލުކުރެވޭނެއެވެ. މަވެތިކަމުގެ ސިފައަކީ އޭނާގެ ކިބައިން ފެންނާނެ ސިފައެއް ނޫނެވެ.
އައްބާސްއަކީ ހިތްހެޔޮ އިންސާނެކެވެ. އޭނާގެ ކިބައިން ފެންނަ މިފަދަ ރަނގަޅު ސިފަތަކަކީ އަހަރެމެންގެ ކުރިމަގު ބައްޓަންކުރަން ތިއްބަވާ މެންބަރުންނަށް ނަމޫނާއެކެވެ. ފިލައިގެން އުޅެންވީ ކީއްވެތޯއެވެ؟ ކޮންމެ އިންސާނަކީވެސް ތަފާތު އިޙްސާސްތައް ކުރަމުންދާނެ ފަރާތެކެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރެވޭނީ ރައްޔިތުންގެ ސީދާ ހިތާ ގުޅިފައިވާ ކެންޑިޑޭޓަކަށެވެ. އެ ހިތްހެޔޮ ކަމުގެ އަސަރުން އަހަރެމެންގެ ހިތްތަައް، އޭނާ ފަތަޙަކޮށްފިއެވެ. ކުރިމަގު އުޖާލާ އަދި މާ ފޮނި މާދަމާއަކަށްޓަކައި ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އައްބާސްގެ ކިބައިން ފެންނާނީ، އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތުތައް ރައްކާތެރިކޮށްދޭނެ ސާބިތު މަސައްކަތްތަކެކެވެ.
މުރާލިކަމާއެކު މަސައްކަތްކުރުމުގެ ވައްޓަފާޅި ހުރި ކެންޑިޑޭޓެއް ކަމުގައި އަހަރެމެންނަށް އައްބާސް ފާހަގަވެގެންދަނީ އެކުރާކަމެއް ނިމެންދެން ހިތްމަތްކުރާތީއެވެ. "ބޮލާލާ ޖަހާ" އުސޫލަކީ އައްބާސް ޤަބޫލުކުރާނެ އުސޫލެއް ނޫނެވެ. ނަތީޖާނެރެ ދެއްކުމަކީ އޭނާގެ ކަށީގައި ހިފާފައިވާ ރަނގަޅު އާދައެކެވެ. އެއީ އިންސާނަކު ކާމިޔާބީއާ ހަމައަށް ވާސިލުވުމަށްޓަކައި ބޭނުންވާނޭ ވަރަށް މުހިއްމު ސިފައެކެވެ. ކުރާކަމެއް ކުރާންވާނީ ރަނގަޅަށެވެ. ކުރަން ފަށާކަމެއް ނިންމުގެ ހިތްވަރާއި ޤާބިލުކަން ވެސް ހުންނާންވާނެއެވެ. ދަމަކުން ބަޑިއެއް ޖަހާ އުސޫލުން އާނ ޚަބަރެއް ވާނަން ކިޔާފައި އައްބާސްއެއް ނުހުންނަވާނެއެވެ. މަސައްކަތުގެ އެންމެ ފަހު މަރުޙަލާއަށް ވާސިލުވާނީ ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ.
އައްބާސްގެ ކިބައިން ފެނިގެންދާ ލީޑަރޝިޕަކީ، ޚާއްސަކޮށް ސިޔާސީ މައިދާނަށް އަލަށް ނިކުމެގެން އުޅޭ ޒުވާނުންނަށް ދައްކައިދޭ ފުރިހަމަ ނަމޫނާއެކެވެ. އޭނާގެ ލީޑަރޝިޕުގައި ވަނީ މީހުން ގޮވައިގެން އުޅުމުގެ ޤާބިލުކަމެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުށިޔާރުކަމެވެ. ބިނާކުރަނިވި ލަފާތައް އަޑު އެހުމުގެ ކުޅަދާނަ ކަމެވެ. ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އިސްލާޙްކޮށް އަލުން އައު ހިތްވަރަކާއެކު ކުރިމަތިލުމުގެ ފަންވަރެވެ.
ބަސްބުނަން ފަސް ޖެހިގެން ނުވާނެއެވެ. ސިޔާސީ ކަނޑުގައި ދުއްވާލެވޭ ފަދަ އޮޑިއެއް މިގަދަ ކަނޑަށް ބޭނުންވެއެވެ. ފިނޑިވެގެން ފިލާން ދުވާނެ މީހެއް ދާއިރާގެ ގޮނޑީގައި ބައިދަން އަހަރެމެން ބޭނުމެއް ނޫނެވެ. ޙައްޤު ބަސް ބުނުމުގައި ޖެހިލުންވެގެން ނުވާނެއެވެ. އައްބާސްއަކީ ޖެހިލުންކުޑަ ފިސާރި ވަރުގަދަ ޝަޚްސިއްޔަތެއްކަން އޭނާގެ މާޒީންވަނީ ދައްކާފައެވެ. ސިޔާސީ މައިދާނުގައާއި އަމިއްލަފުޅު ދިރިއުޅުއްވުމުގެ ތަފާތު މަރުޙަލާތަކުގައެވެ،
އޭނާ ކުޅަ ޚިދުމަތަށް ޝުކުރުވެރިވުން ޙައްޤެެވެ. އެތަކެއް ބައެއްގެ ޙާޖައްތަކާއި ބޭނުންތައް އޭނާ ފުއްދައިދެނީ އޭނާގެ ހިތުގައި ޖަހާ ވިންދުން ބުނެދޭ ވާހަކަ ތެދުވީމައެވެ. ހަމައެހެންމެ ދާއިރާގެ ރަށްތަކުގެ ތަރައްޤީގައި އައްބާސްގެ ދައުރު ބޮޑެވެ. މާލީގޮތުން ވެދެއްވި އެހީތެރިކަން ހަނދާން ނެތިގެން ނުދާނެއެވެ. ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ކަންކަމަށް ފޯރުކޮށްދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އޮހެނީ ޝުކުރުގެ ބަސްތަކެވެ. އެނޫނަސް ތަރައްޤީއަށްޓަކައި އޭނާ ވެދިން ކޮންމެ އެހީއެއް ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނާނެ ކަމާމެދު ޝައްކެތް ނުކުރަމެވެ. ރައްޔިތުން މިފަހަރު ތިބީ އައްބާސް ހޮވަން ކަމަރު ބަނދެގެންނެވެ. އޭނާގެ ޓްރެކް ރިކޯޑެއް އެބައޮތެވެ. މާޒީން ފެންނާން އޮތީ ޚިދުމަތު ޞަފްޙާތަކުގައި ލިޔެވި ބިންވަޅު ނެގިފައިވާ ޚިދުމަތުގެ ފުރިހަމަ ރިކޯޑެކެވެ.
ސަރުކާރަށް އެންމެ ފައިދާ ބޮޑު ވާނީ މިފަދަ ޤައުމީވަންތަ ކެންޑިޑޭޓެއް ހޮވުމުންކަން ދާއިރާގެ ގިނަ ރައްޔިތުން ދެކެއެވެ.