Friday, 11 October 2024

މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ޕްލޭނެއް، އެމްޑީޕީގެ ސިޔާސަތާ ޚިލާފު

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަން ލިބޭނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް އެގޮތަށް ވިދާޅުވީ މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މިގޮތަށް ވަކި އިދާރާއަކަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ސިޔާސަތާ ޚިލާފު ކަމެކެވެ. އެމްޑީޕީން މީގެ ކުރިން ވަކާލާތުކުރަމުން ގޮސްފައިވަނީ ބޯހިޔާވަހިކަމަކީ އެ ކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ޙައްޤެއް ކަމަށެވެ. އެކަމުގައި ވަކި މުއައްސަސާއަކަށް ޚާއްސަކުރެވިގެން ނުވާނެ ކަމަަށެވެ. މިފަދައިން އެންމެ ބޮޑަށް އެމްޑީޕީން ވާހަކަދެއްކެވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ގައި ދައުލަތުގެ ކުންފުނިތަކުން، އެކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ފުލެޓްތައް އަޅަން ފެށުމާ ގުޅިގެންނެވެ. އަދި އެމްޑީޕީ ވެރިކަމާ ހަވާލުވުމަށްފަހުވެސް އެ ސިޔާސަތަށް ފާޑު ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި އަސްލަމް ވިދާޅުވީ އިދާރީ މުވައްޒަފުން ކަންބޮޑުވާ ދެ ކަމެއް ފާހަގަވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަކީ އެއް މައްސަލަ ކަމުގައި ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެހެނިހެން އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދޭއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުން މިއިން އެެއްވެސް ކެޓެގަރީއަކަށް ލައްވާލާ ގޮތެއް ނުވޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެބަ މަސައްކަތް ކުރަން، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ ވަކި އިދާރާއަކުން، ސަރުކާރުންނެއް ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެންޖެހޭނެ. ރައްޔިތުންގެ މަޖިލީހުން ޕްލޭނެއް އެކުލަވާލަންޖެހޭ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަޝްވަރާއާއެކު ކުރިއަށްދާނެ." އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިދާރީ މުވައްޒަފުންގެ ދެވަނަ ކަންބޮޑުވުމަކީ މުސާރައިގެ މައްސަލަ ކަމަށެވެ. އެގޮތުން ވަރަށް ދިގު މުއްދަތެއް ވަންދެން މުސާރަ ބޮޑުނުވާ މައްސަލަ އަށް ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖެނުއަރީ އިން ފެށިގެން އިދާރީ މުވައްޒަފުންގެ މުސާރަ 20 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އިދާރީ މުވައްޒަފުން ކުރާ ބުރަ މަސައްކަތާ ބަލައި އެކަށިގެންވާ މުސާރައެއް ދެވޭ ކަމަަކަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފަދަ ގޮތަކަށް ބޭއްވޭ ހަފުލާއަކުން މުވައްޒަފުންގެ އަގު ވަޒަން ނުކުރެވޭނެ ކަމަށާއި، އަދި 12 އަހަރު ފަހުން މިފަދަ ހަފުލާއެއް ބޭއްވުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރޭގެ ހަފުލާގައި މަޖިލީހުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުމާއި، ލޯ މެޑަލާއި ރަން މެޑަލް ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޖާއިބު ހައިރާންވާވަރުގެ ކަމެއް ކިރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް މީނަޔަށް ނޭގެނީތަ އެވަރު ބުއްދި ތަޢައްޔަރު ވެފަހުރި މީހަކު 3 ބާރު ވަކިވެފަ އޮއްނަ ދައުލަތެއްގެ މަޖިލީހުގެ ރައީސަކަށް ބަހައްޓަންވެސް ހެޔޮނުވާނެ އެއްނުން އަވަހައްބޭރުކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު