އިންސާނާ އުފައްދަވާފައިވަނީ އޭނާއަށް ހެޔޮކޮށް ހިތައި އޯގާތެރިވާ ފަރާތްތަކާ މެދުގައި އޭނާގެ ހިތުގައި ލޯތްބާއި ކުލުނުވެރިކަން އުފެދޭނޭ ގޮތަށެވެ. އޯގާތެރިކަމަކީ އޭގެ ސަބަބުން މީސްތަކުންގެ ހިތްތައް އެކުވެރި ކުރުވާ ކަމެކެވެ. الله تَعَالَىٰ ވަޙީ ކުރައްވާފައިވެއެވެ: ﴿فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ…﴾ [آل عمران 159] މާނައީ: [އެބައިމީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللهގެ ޙަޟުރަތުން ލެއްވި ރަޙުމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލުޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖައީހެވެ.]
އޯގާތެރިވުމަށް އަންގަވައި الله تَعَالَىٰ އެކަލާނގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާ މުޚާޠަބުކުރައްވައި ވަޙީ ކުރައްވާފައިވެއެވެ: ﴿وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ﴾ [الحجر 88] މާނައީ: [އަދި މުއުމިނުންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)]
އޯގާތެރިކަމަކީ މީހާގެ އަޚުލާޤު ޒީނަތްތެރިކުރުވާ މާތް ސިފައެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ: «إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنزَعُ مِنْ شَيْءٍ إِلَّا شَانَهُ » [صحيح مسلم 2594] މާނައީ: [ހަމަކަށަވަރުން ކަމެއްގައި އޯގާވެރިކަން އެކުލެވިއްޖެނަމަ، އެކަމެއް ރިވެތި ނުވެ ނުދާނެއެވެ. އަދި ކަމަކުން އޯގާވެރިކަން ނެތިއްޖެނަމަ، އެކަމެއް ޢައިބު ނުވެ ނުދާނެއެވެ.]
ހަމައެހެންމެ އޯގާތެރިކަމަކީ ހެވާއި، ބަރަކާތާއި، ނަސީބު އެކަމަކާ ގުޅިފައިވާ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ: «إِذَا أَرَادَ اللهُ عَزَّ وَجَلَّ﷿ بِأَهْلِ بَيْتٍ خَيْرًا، أَدْخَلَ عَلَيْهِمُ الرِّفْقَ» [مسند أحمد 24427] މާނައީ: [ގެއެއްގެ އަހުލުންނަށް ހެވަކަށް اللهُ عَزَّ وَجَلَّ އިރާދަ ކުރައްވައިފިނަމަ، އެބައިމީހުންގެ ތެރެއަށް އޯގާތެރިކަން ވައްދަވައެވެ.]
މީހެއްގެ ކިބައިން އޯގާވެރިކަން ފިލާފައިވުމަކީ ހުރިހާ ހެވަކުން އެމީހަކު މަޙުރޫމުވުމެވެ. މިކަން ބަޔާން ކުރައްވާ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ: «مَن يُحرَم الرّفْقَ يُحْرَم الخيرَ كُلَّهٌ» [سنن أبي داود 4809] މާނައީ: [އޯގާވެރިކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހާ ހެވަކުން މަޙުރޫމުވެއްޖެއެވެ.]
ފިރިމީހާ އޭނާގެ އަނބިމީހާއަށް އޯގާތެރިވެ އޭނާގެ ޢައިބުތަށް ވަންހަނާކޮށްދިނުމީ ދެމަފިރިން ހެޔޮގޮތުގައި އެކުއެކީގައި ދިރިއުޅުމަށް ލިބިގެންދާނެ ނުހަނު ބޮޑު ބާރެކެވެ. މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ހަޔާތްޕުޅުން އެކަލޭގެފާނު އަނބިއަނބިކަނބަލުންގެ ކަންކަމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި، ކެތްތެރިކަމާއި، އޯގާތެރިކަމާއި، އަޅާލުމުގެ އެތަކެއް މިސާލުތަކެއް އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. އަދި އެކަލޭގެފާނުގެ އިރުޝާދުފުޅުތަކާއި ވަޞިއްޔަތްޕުޅުތަކުގައިވެސް އެކަލޭގެފާނުވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައެވެ. އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. [ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ.] [سنن الترمذي 3895]
ހަމައެގޮތަށް ކުޑަކުދީންނާއި މުސްކުޅީންނަށް އަޅާލުމާއި ރަޙުމު ކުރުމަކީވެސް އޯގާތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަމަށް ބާރު އަޅުއްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ: «لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا» [سنن الترمذي 1919] މާނައީ: [އަހަރެމެންގެ ކުޑަކުދީންނަށް ރަޙުމު ނުކުރާ އަދި އަހަރެމެންގެ ބޮޑެތި މީހުންނަށް އިޙްތިރާމާއި ޤަދަރު ނުކުރާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.] އަދިވެސް އިތުރުއެކަލޭގެފާނުން ޙަދީޘް ކުރައްވާފައި ވެއެވެ: «إِنَّ مِنْ إِجْلَالِ اللهِ إِكْرَامَ ذِي الشَّيْبَةِ المُسْلِمِ» [سنن أبي داود 4843] މާނައީ: [ހަމަކަށަވަރުން މުސްކުޅީންނަށް ކަމޭހިތައި އަޅާލުމަކީ الله މަތިވެރިކުރުމުގެ ތެރެއިންވާ ކަމެކެވެ.]
މީސްތަކުންނަށް އޯގާވެރިވުމަކީ އިސްލާމީ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު އެއް އަސާސެވެ. ފިރުޢައުނަށް ދީނަށް ދަޢުވަތު ދިނުމުގައިވެސް މި އުސްލޫބު ބޭނުން ކުރެއްވުމަށް الله تَعَالَىٰ މޫސާގެފާނާއި ހާރޫނުގެފާނަށް އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ: ﴿فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ﴾ [طه 44] މާނައީ: [ފަހެ މަޑުމައިތިރި ބަހަކުން ތިޔަ ދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވެދާނޭކަމުގެ އުއްމީދުގައެވެ.]
އޯގާތެރިކަމަކީ އެސިފައެއްގެ ސަބަބުން އިންސާނާ ނަރަކައިން މިންޖުވެ ސުވަރުގެވަނުމުގެ ސަބަބެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ: «أَلَا أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ، عَلَى كُلِّ قَرِيبٍ هَيِّنٍ سَهْلٍ» [سنن الترمذي 2488] މާނައީ: [ނަރަކައަށް ޙަރާމު ބައެއްގެ ޚަބަރު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟ އެއީ މީސްތަކުންނާ ގާތް، އެކުވެރި އަދި (އެމީހަކާ މުޢާމަލާތް ކުރާން) ފަސޭހަ މީހާއެވެ.]
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ނޯޓް:
މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.