25 ޖަނަވަރީ 2025

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް 2024″ ފަށަން ތައްޔާރުވާން ފަށައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްއިން "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް 2024″ ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 21 ކުންފުންޏަކާއެކު މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ޔޫތު މިނިސްޓްރީން ވަނީ މި ކުންފުނިތަކާ ބައްދަލުކޮށްފައެވެ.

މި ޕްރޮގުރާމު ފެށުމަށް މަޝްވަރާކުރި ކުންފުނިތަކުގެ ތެރޭގައި އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، އެޗްޑީސީ، ވެމްކޯ، މިފްކޯ، އެމްޑަބްލިއުއެސްސީ، ފަހި ދިރިއުޅުން ކޯޕަރޭޝަން، އާރްޑީސީ، އެސްޓީއޯ، ފެނަކަ، ސްޓެލްކޯ، މޯލްޑިވް ގޭސް އަދި  އެފްއެސްއެމް ހިމެނެއެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަން، އެމްޕީއެލް، ރީޖަނަލް އެއާޕޯޓްސް، ބިޒިނަސް ސެންޓަރ ކޯޕަރޭޝަންގެ އިތުރުން މޯލްޑިވަސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން މި ޕްރޮގުރާމުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެކެވެ.

މި ޕްރޮގްރާމުގެ ދަށުން 6 މަސް ދުވަހުގެ ތަމްރީނު ނިންމާ ދަރިވަރުން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީން ކުރިޔަށް ގެންދާ ނޭޝެނަލް އެސެސްމެންޓްގައި ބައިވެރިވާނެއެވެ. އަދި އެސެސްމެންޓްއިން ފާސްވާ ދަރިވަރުންނަށް އެމް.އެން.ކިޔު.އެޕް ލެވެލް 3 ގެ ސަނަދު ލިބޭނެއެވެ.

ލެވެލް 4 އަދި ޑިޕްލޮމާ ލެވެލްގެ އެޕްރެންޓިޝް ޕްރޮގްރާމްތައް ވެސް ތައާރަފް ކުރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އެއިގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު