Wednesday, 22 May 2024

މަޖިލިސް އިންތިޚާބު ރަމަޟާން މަހަށްފަހު ބާއްވަން މަޖިލީހުން ފާސްކޮށްފި

މިއަހަރުގެ މާޗު މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހަށްފަހު ބާއްވާ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ހުށަހެޅި މި އިސްލާހު ފާސްވެފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުންނެވެ. މިއާއެކު މާޗު 17ގައި ބޭއްވުމަށް ނިންމަވާފައިވާ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.

މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ހަމައެހެންމެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އިސްލާހުގައިވެއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު އިސްލާހު ކުރަން ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ އެ ބިލުގައި ހިމަނާފައިވާ ކަންކަމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް ބިލުގައި ހިމަނުއްވާފައެވެ. އެގޮތުން، އިންތިޚާބެއް ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ރަޖިސްޓްރީ ގެޒެޓުކޮށް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރާ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އަދި ވޯޓު ކަރުދާސް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށަށް އަދަބެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމަވާފައެވެ.

ވަގުތީ ކޮމިޓީން ވަނީ އިންތިޚާބެއްގައި ވޯޓު ކަރުދާސް ދައްކައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި އަދަބުގެ ގޮތުން 1 މަހާއި 3 މަހާ ދެމެދުގެ ޖަލު ބަންދެއް ކަނޑައެޅުން ނުވަތަ 6000 ރުފިޔާ އާއި 18000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހިމަނުއްވާފައެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އިސްލާހު ބަލައިގަތުމަށްފަހު ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާ އެ އިސްލާހު ވަނީ ދިރާސާކޮށް މިދިޔަ ބުދަ ދުވަހު ކޮމިޓީން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ދިރާސާ ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ. އެ ރިޕޯޓަށް އިތުރު އިސްލާހެއް ގެނައުމަށް ނުވަތަ ބަހުސް ކުރުމަށް ވެސް އެއްވެސް މެންބަރަކު އެދިވަޑައިގެންފައިނުވާތީ ރިޔާސަތުން ވަނީ ވޯޓަށް އަހާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *