އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން، އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޓިކެޓު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި ރައީސް އޮފީހުގައި އަންޑަރ ސެކްރެޓަރީ ކަމުގެ މަޤާމު ފުރުއްވި ގާނޫނީ ވަކީލު ޢަބްދުﷲ ނަޞީރަށް ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރެވެ. ނަމަވެސް ޖާބިރުގެ ސުލޫކީ މައްސަލައެއް ބަލައި، އޭނާއަށް ލިބިފައިވާ ޓިކެޓު އަތުލުމަށާއި ޕާޓީން ވަކިކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
އެހެންވެ، ޖާބިރުގެ ފަރާތުން އެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަނީ ކާށިދޫ ދާއިރާގެ ޓިކެޓު މިހާރު ނަސީރަށް އަރުވާފައިވާ ކަން ކަށަވަރުކޮށްދެއްވައިފައެވެ.
އެނގިފައިވާ ގޮތުގައި، އޭނާއަށް ޓިކެޓު ދީފައިވަނީ، އިސްތިއުނާފުގެ މައްސަލަ އޮތް ނަމަވެސް އެ މަައްސަލަ ބަލާ މަޖިލީހުން ޓިކެޓު އެރުވުން މަޑުޖައްސައިލަން އަންގާފައިނުވާތީއެވެ. އަދި އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ކުޑަތަންވާތީ، ވީހާވެސް އަވަހަށް ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީން ނިންމީ ކަން އެނގިފައިވެއެވެ.
ކާށިދޫ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމި، ގދ. ގައްދުއަށް އުފަން ނަޞީރު އެ ދާއިރާގެ ޕްރައިމަރީގައި ވެސް ވާދައެއް ނުކުރެއެވެ. ޖާބިރު ޕްރައިމަރީގައި ވާދަކުރެއްވީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތުއާ އެވެ.
ކާށިދޫ ދާއިރާގެ ޓިކެޓު ދޭނެ މީހަކު އެމްޑީޕީން ނިންމި އިރު، މިއަދު ހެނދުނު އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް ދާން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.