Wednesday, 22 May 2024

މި ސަރުކާރުން މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފިން: މިނިސްޓަރު

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނު ފަހުން މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާ އިން 25 ރުފިޔާއަށް ބޮޑުކުރީ މަސްވެރިންނަށް ހެޔޮއެދިގެން ނޫންކަމަށާއި ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް, މިސަރުކާރު ވެރިކަމަށް އައި ފަހުން 422 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދެވިފައިކަމަށެވެ.

422 މިލިއަން ރުފިޔާގެ ތެރޭގައި މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައިވާ މަސްފިނިކުރާ އައިސް އަދި ތެޔޮ ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ އަދަދަކީ 270 މިލިއަން ކަމަށްވެސް މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވިއެވެ.

އެއްވެސް ވަރަކަށް ބެލުމެއްނެތި އަގަށް ގެނައި ބަދަލުގެ ސަބަބުން ދައުލަތުން ސަބްސިޑީޒްގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިޔަން ރުފިޔާ ދައްކަން ޖެހުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސިޔާސީ މަޤުޞަދެއްގައި މަސް ގަންނަ އަގު ކުއްލި ގޮތަކަށް ބޮޑުކުރުމާއެކު، މިފްކޯއަށް ކުރިއްސުރެ ވަމުންދިޔަ ގެއްލުން އިތުރަށް ބޮޑުވެގެންދިޔަ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން މަސް ބޭރުކުރާ، ނުވަތަ ދިވެހި މަހުގެ އުފެއްދުންތައް ގަންނަ ބާޒާރުތަކުގައި އެއިރު މަސް ކިލޯއެއް ގަންނަމުންދިޔައީ 22 ރުފިޔާ 40 ލާރިއަށްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެކަމުގެ ސަބަބުން މިފްކޯއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ދަތިތައް އިތުރުވި ކަމަށެވެ.

"އެއިރުގައި ދިވެހިރާއްޖެއިން މަސް ބޭރުކުރާ ނުވަތަ ދިވެހިރާއްޖެއިން މަސް ގަންނަ ބާޒާރުތަކުގެ އަގަށް ބަލާނަމަ ކިލޯއަކަށް އެއިރުގެ ބާޒާރުގައި ހުރީ 22 ރުފިޔާ 40 ލާރިއަށް. 22 ރުފިޔާ 40 ލާރިއަށް ކިލޯއެއްގެ އަގު ހުއްޓައި 25 ރުފިޔާއަށް ކިލޯއެއް ގަންނަންޖެހުމަކީ މިފްކޯއަށް ވަރަށް ބޮޑަށް ގެއްލުންވި ކަމެއް. އަދި ހަމައެއާއެކު، ކޭޝްފްލޯ ދަށް ދުވަސްވަރެއް އެއީ ހަމަ" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަމަށް ވެސް އެމަނިކުފާނުގެ ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *